11 ވަނަ ނޫސްވެރިކަމުގެ އެވޯޑުގައި ތަހުޤީޤީ ނޫސްވެރިކަމުގެ ދާއިރާއިން އޯޑިއޯ، ވީޑިއޯ ކެޓަގަރީން 'އަދަދު' ނޫހުން ތައްޔާރުކުރި "ޖީ ސްކީލާން" ޑޮކިއުމެންޓްރީއަށް އެވޯޑު ދީފައިވަނީ އުސޫލުތަކާއި މަޤުސަދުތަކާއި ޚިލާފަށް ކަމަށް އެވޯޑުތަކަށް އިންސާފް ކޮށްދިން ފަނޑިޔާރުން ވިދާޅުވެފައިވާތީ، އެ އެވޯޑު ދިން މައްސަލަ ތަހުޤީޤުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފަށައިފިއެވެ.
އޭސީސީން މިއަދު ބުނީ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން އެވޯޑު ދިން ކަމަށް ބުނެ ހުށަހެޅި މައްސަލައެއް ލިބިފައިވާ ކަމަށާއި ތަހުޤީޤަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް ތަހުޤީޤީ އޮފިސަރުން މީޑިއާ ކައުންސިލްގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
"ސްކީލާން" ޑޮކިއުމެންޓްރީއަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދޮންމަންމާފުޅު ސްކީލާން އެ މަނިކުފާނަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައިވާ ޑޮކިއުމެންޓްރީއެކެވެ. މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި ނެރުނު މި ޑޮކިއުމެންޓްރީގައި ކުރާ ތުހުމަތުތައް ރައީސް މުޢިއްޒުގެ ފަރާތްޕުޅުން އޭރުވެސް ވަނީ ދޮގު ކުރައްވާފައެވެ.
މި އެވޯޑަކީ އަދަދު ނޫހަށް ހައްޤު އެވޯޑެއް ނޫން ކަމަށް ބުނެ، އެ އެވޯޑު އަތުލުމަށް ވަރަށް ގިނަ ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ. މިކަމާ ގުޅޭ ގޮތުން އެމްއެމްސީން އިއްޔެ ވަނީ ކުއްލި ބައްދަލުވުމެއް ބާއްވައި، ނޫސްވެރިކަމުގެ އިނާމާ ގުޅުން ހުރި ހުރިހާ ފަރާތްތަކުގެ މަޢުލޫމާތު ހޯދައި، އެކަމާ ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތަކާއި މައްސަލަތަކާ ގުޅޭ ރިޕޯޓެއް ނެރެން ފާސްކޮށްފައެވެ.
އަދަދު ނޫހަށް އެ އެވޯޑު ދިނުމުގައި އިންސާފުކޮށްދެއްވި 6 ފަނޑިޔާރުންގެ ޕެނަލްއިންވެސް ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ އެ ކެޓަގަރީއަށް އެވޯޑު ދިނީ އުސޫލާއި މަޤްސަދުތަކާ ޚިލާފަށް ކަމަށެވެ.
އަދަދު ނޫހުގެ އެ އުފެއްދުން ބަލައިގަނެ، ނޮމިނޭޓްކޮށް، ފަނޑިޔާރުންގެ މޭޒަށް ހުށަހަޅާފައިވަނީ އެމްއެމްސީން ބަލަން ވާ ވަރަށް ނުބަލާކަން ފާހަގަކޮށް، ފަނޑިޔާރުން ބުނީ އެ އުފެއްދުން ކައުންސިލުން ބަލައިގަތް ނިޔަތާމެދު ސުވާލު އުފެދޭ ކަމަށެވެ. އަދި އެކަމާ ގުޅިގެން އުފެއްދި ސުވާލުތަކަށް އެމްއެމްސީން ޒިންމާދާރު ކަމާއެކު ޖަވާބުދާރީވެފައި ނުވާ ކަމަށާއި، އެ ކެޓަގަރީން އިންސާފުކުރަން ދީފައިވާ 'ރުބްރިކް' ގައި ތަހުޤީޤީ ނޫސްވެރިކަމުގެ ނަޒަރިއްޔާތަކުން މާކްސް ދެވޭނެ އެއްވެސް ގޮތެއް ނެތްކަމަށް ފަނޑިޔާރުން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން މީގެ ކުރިން ފަނޑިޔާރުންގެ ނިންމުންތައް ހަވާލުކުރަނީ ސިޓީ އުރައެއްގައި ބަންދުކޮށް، ސީލްކޮށް އެކަމަށް ކަނޑައަޅާފައިވާ އޮޑިޓް ފާމަށް ނަމަވެސް މި ފަހަރު އެކަން އެގޮތަށް ކޮށްފައިނުވާ ކަންވެސް ފަނޑިޔާރުން ވަނީ ފާހަގަކޮށްފައެވެ.









