މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ އައު ޤަވާއިދާއި އެކު، ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ހުރިހާ މީޑިއާއެއް ހަމަސްދުވަސްތެރޭ އެ ކޮމިޝަނުގައި ރަޖިސްޓްރީ ވުމަށް މުހުލަތު ދީފިއެވެ.
މީޑިއާގެ ޤާނޫނަށް ގެނައި އިޞްލާޙާއި އެކު ހެދި އައު ޤަވާޢިދަށް ޢަމަލުކުރަން ފެށީ އިއްޔެއެވެ.
މި ޤަވާޢިދުގެ ދަށުން ނޫސް މަޖައްލާއެއް ރަޖިސްޓްރީ ކުރަން ހުށަހަޅާތާ 30 ދުވަހުގެ ތެރޭގައި ޖަވާބު ދޭންޖެހެއެވެ. ރަޖިސްޓްރީ ކުރަން ހުށަހަޅާއިރު އެޑިޓަރަކާއި މަސްއޫލުވެރި ފަރާތެއް ހުންނަންޖެހެއެވެ. މި ޤަވާއިދުގައި އެފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައްވެސް ވަނީ ހިމަނާފައެވެ.
މިޤަވާއިދުގެ ދަށުން ނޫސް މަޖައްލާއެއް ރަޖިސްޓްރީ ކޮށްދޭ މުއްދަތަކީ 5 އަހަރު ދުވަހެވެ. އޭގެ ފަހުން ރަޖިސްޓްރީ އައު ކުރުމަށް ހުށަހަޅަން ޖެހެއެވެ. އަދި ރަޖިސްޓްރީގެ މުއްދަތު ހަމަވުމުގެ 90 ދުވަސް ކުރިން ރަޖިސްޓްރީ އައު ކުރުމަށް ހުށަހެޅުމަށް ޤަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. މީގެ އިތުރުން ނޫސްމަޖައްލާ ޝާއިއުކުރުން ހުއްޓާލާތާ 12 މަސް ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ބާތިލްވާނެކަމަށް މި ޤަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
މި ޤަވާއިދު ގެޒެޓްކުރެވި ޝާޢިއު ކުރެވުމާއެކު، މިޤަވާއިދުގެ ބޭނުމަށް ކުރިން ރަޖިސްޓްރީކުރެވިގެން ހިންގަމުންދާ އެންމެހައި ނޫސް މަޖައްލާ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ޤަވާއިދު ޝާއިޢުކުރާ ތާރީޚުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައި ރަޖިސްޓްރީގެ ރިކޯޑު އަދާހަމަކުރުމަށް ވަނީ އަންގާފައެވެ. އަދި ރިކޯޑު އަދާހަމަކުރުމަށް އެދި ހުށަހަޅާނެ ފޯމުވެސް ޤަވާއިދުގައި ވަނީ ހިމަނާފައެވެ. އަދި މިގޮތަށް އަދާހަމަ ނުކުރާ ނޫސްމަޖައްލާތަކުގެ ރަޖިސްޓްރީ ބާތިލުވާނެ ކަމަށް ޤަވާއިދުގައިވަނީ ބަޔާންކޮށްފައެވެ.
މި ޤަވާއިދާއެކު ނޫސްމަޖައްލާ ރަޖިސްޓްރީ ކުރުމަށް ނަގާ ފީތަކާއި ބޭނުންވާނެ އެހެން މައުލޫމާތުތައް ވަނީ ހިމަނާފައެވެ. އަދި ޤަވާއިދަށް ޢަމަލުކުރަން ފެށުމާއެކު ކޮންމެ ނޫސްމަޖައްލާއަކުންވެސް ޖެހިގެން އަންނަ އަހަރުގެ ޖޫންގެ ކުރިން ނޫސް ހިންގި ގޮތުގެ އަހަރީ ރިޕޯޓެއް ހުށަހަޅަން ޖެހޭނެއެވެ. މި ރިޕޯޓް ހުށަނާޅާ މީޑިއާތައް ޖޫރިމަނާ ކުރެވޭނެކަމަށް އުސޫލުގައިވަނީ ބަޔާންކޮށްފައެވެ.









