އަތޮޅު ކައުންސިލް އުވާލުމުގެ ބިލް ތަސްދީގު ކުރައްވައިފި

މުހައްމަދު ޖަމްޝަތު | 3 ދުވަސް ކުރިން - 2 ޑިސެންބަރު 2025 10:36
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު---ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު---ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މި ގާނޫނަށް މިހާރު ވަނީ އަމަލުުކުރަން ފަށައިފަ. އަންނަ ކައުންސިލު އިންތިހާބުން ފެށިގެން ކައުންސިލުތަށް އުފެދިފައިވާ ގޮތްތަކަށްވެސް ބޮޑެތި ބަދަލުތައް އަންނާނެ

އަތޮޅު ކައުންސިލްތައް އުވާލުމަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހުގެ ބިލާއި ކައުންސިލްތަކުގެ މެމްބަރުންގެ އަދަދު މަދުކުރަން ގާނޫނަށް ގެނައި އިސްލާހުގެ ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މި ބިލު ފާސްކޮށްފައިވަނީ 27 ނޮވެމްބަރު 2025ވީ ބުރާސްފަތި ދުވަހު ބޭއްވި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 26 ވަނަ ޖަލްސާގައެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް މިގެނައި 17 ވަނަ އިސްލާހާއެކު، ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ފަހު އަތޮޅު ކައުންސިލުތައް އުވިގެންދާނެއެވެ. ދިވެހިރާއްޖޭގެ 21 އިދާރީ ދާއިރާގެ ތެރެއިން ސިޓީ ކައުންސިލްގެ ޝަރުތު ހަމަވާ އިދާރީ ދާއިރާތައް ފިޔަވައި، އެހެން ކޮންމެ އިދާރީ ދާއިރާއެއްގައި ހިމެނޭ މީހުން ދިރިއުޅޭ ކޮންމެ ރަށެއް ހިންގާނީ ރަށު ކައުންސިލުތަކުންނެވެ. އަދި ރަށު ކައުންސިލްތަކުން ޖަވާބުދާރީވާނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) އަށާއި އެ ކައުންސިލެއް ހިމެނޭ ރަށެއްގެ ރައްޔިތުންނަށެވެ.

މީގެ އިތުރުން، ކައުންސިލްތައް އެކުލެވިގެންވާ ގޮތްވެސް ވަނީ އިސްލާހުކޮށްފައެވެ. އެގޮތުން، 2،000 މީހުންނަށްވުރެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބުކުރާނީ އަންހެން މެމްބަރެއް ހިމެނޭގޮތަށް ތިން މެންބަރުންނެވެ. އަދި 2،000 އަށްވުރެ ބޮޑު އަބާދީއެއް ހިމެނޭ ކޮންމެ ރަށު ކައުންސިލަކަށް އިންތިހާބުކުރާނީ އަންހެން ދެ މެމްބަރުން ހިމެނޭގޮތަށް ޖުމްލަ ފަސް މެމްބަރުން ކަމަށް ވަނީ ކަނޑައަޅާފައެވެ.

މާލެ ސިޓީ ކައުންސިލް އެކުލެވިގެންވަނީ، ކައުންސިލްގެ މޭޔަރުގެ އިތުރުން، މާލެއަށް ކަނޑައަޅާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދާ އެއް އަދަދެއްގެ މެންބަރުންގެ މައްޗަށެވެ. ފުވައްމުލަކު ސިޓީ ކައުންސިލު އެކުލެވިގެންވަނީ ކައުންސިލްގެ މޭޔަރުގެ އިތުރުން، އެ ސިޓީގެ އަށް އަވަށަށް އެއް މެމްބަރުންގެ މައްޗަށެވެ.

މީގެ އިތުރުން، ސިޓީ ކައުންސިލްގެ އިންތިހާބުތަކުގައި އަންހެން މެންބަރުން އިންތިހާބުކުރާނެ ދާއިރާތައް ކަނޑައަޅާނީ، އެ ސިޓީއެއްގައި ހިމެނޭ ހުރިހާ ދާއިރާއެއް ހަމަހަމަވާނެ އުސޫލަކުން ދައުރުވަމުންދާ ގޮތަށް، އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ އުސޫލުގެ ދަށުން ކަމަށް މި އިސްލާހުގައި ވެއެވެ.

މި އިސްލާހާއެކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އެކުލެވިގެންވާ ގޮތަށްވެސް ވަނީ ބަދަލުތަކެއް ގެނެވިފައެވެ. އެގޮތުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސަކީ ރައްޔިތުން އިންތިހާބުކުރާ ފަރާތެއްކަމަށާއި، އަދި އަންހެނުންގެ ކޮމިޓީގެ ރައީސަކީ، ފުލްޓައިމް މެންބަރެއްކަމުގައި ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން، އެލްޖީއޭ ބޯޑުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން އިންތިހާބުކުރާ އެއް މެމްބަރު ހިމެނުމަށްވެސް ވަނީ ކަނޑައަޅާފައެވެ.

މި އިސްލާހާއެކު ކައުންސިލްގެ މެންބަރުން މަގާމުން ވަކިވާ ގޮތްތަކުގެ ތެރޭގައި، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ކައުންސިލަށް އިންތިހާބުވުމަށްފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީގެ މެމްބަރުކަމުން އަމިއްލައަށް ވަކިވާން ހުށަހަޅައި އެކަން އިލެކްޝަންސް ކޮމިޝަނުގައި ދަފުތަރުވުން ނުވަތަ، އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފުތަރުވުން ނުވަތަ، އަމިއްލަ ގޮތުން ކައުންސިލަށް އިންތިހާބުވުމަށްފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފުތަރުވުން ވަނީ ހިމަނުއްވާފައެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%