ނޫސްވެރިކަމަކީ ދައުލަތުގެ ހަތަރުވަނަ ބާރެވެ. މިފަދަ ބާރެއް ނޫސްވެރިންނަށް ލިބިފައިވާއިރު އެބާރާއެކު ޒިންމާތަކެއްވެސް އޮންނަންވާނެ އެވެ. ނޫސްވެރިކަމަކީ މިނިވަންކަމާއެކު ކުރެވެންޖެހޭނެ ކަމެކެވެ. އެއްވެސް ނުފޫޒެއް އޭގައި އޮންނަންވެއްޖެނަމަ ނޫސްވެރިކަމުގެ ހަގީގީ މާނަ ގެއްލުނީ އެވެ. ނަމަވެސް މި މިނިވަންކަމުން އެހެން ފަރާތެއްގެ މިނިވަންކަމަށް އަރައިގަތުމަކީ ނުވަތަ އެރޭނެ ފުރުސަތު ދެވިފައި އޮތުމަކީ ހަމަޖެހޭ ވާހަކައެއްވެސް ނޫނެވެ. ދައުލަތުގެ އެހެން ބާރުތަކުން ގޯހެއް ހެދުމުން ކުރިމަތިވާ ނަތީޖާތަކަށް ޒިންމާވާންޖެހޭ އިރު، ނޫސްވެރިކަން ކުރާ މީޑިއާތައް ޖަވާބުދާރީ ކުރަން ނުޖެހޭނެ އެއްވެސް ސަބަބެއް ކޮބާހެއްޔެވެ؟
މިނިވަންކަމަކީ އެންމެންގެވެސް ހައްގެކެވެ. އެކަމަކާ ދެބަސްވާކަށް ނެތީމެވެ. އެކަމަކު އެ ހައްގުން އެހެން ބައެއްގެ ހައްގު ގެއްލި ކަރާމާތަށް އުނިކަމެއް ލިބިގެން ނުވާނެ އެވެ. ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި މީޑިއާ އެންޑް ބްރޯޑްކާސްޓިން ބިލުގައި ވަނީ އެ ވާހަކަ އެވެ. އެބިލަކީ ނޫސްވެރިން ޒިންމާދާރު ކުރުވަން ރާއްޖޭގެ ތާރީހުގައި މިހާތަނަށް އެޅުނު އެންމެ ފަހި އެއް ފިޔަވަޅެވެ. އެ ބިލާއެކު ސާބިތު ނުހިފޭ ދޮގު ހަބަރުތައް، ލިޔާ މީހާ ހިތުހުރިގޮތަކަށް ލިޔަން އޮތް ފުރުސަތު އެއައީ ނިމުމަކަށެވެ. މިއީކީ އެއްވެސް ހާލެއްގައި ނޫސްވެރިކަމުގެ މިނިވަންކަން ނިގުޅައިގަންނަ ވާހަކައެއް ނޫނެވެ. ހަމަ އެކަނި ތެދު ހަގީގަތް ކަށަވަރު ކުރުމަށްފަހު އާންމުންނަށް ހަބަރު ފޯރުކޮށްދިނުމުގެ ޒިންމާގެ މުހިއްމުކަމުގެ ވާހަކަ އެވެ. ސަބަބަކީ ދޮގު މައުލޫމާތު ހިއްސާ ކުރުމުން ގެއްލޭނީ ރައްޔިތުންގެ ހިތުގައި ނޫސްވެރިންނަށް އޮންނަ އިތުބާރުކަމަށް ވާތީ އެވެ.
ކުޑަކުޑަ މިސާލެއް ދައްކާލާނަމެވެ. މީގެ އެތައް އަހަރުތަކެއް ކުރިން 2010 ވަނަ އަހަރާ ހަމަޔަށް ބަލާއިރު ރާއްޖޭގައި މާ ބައިވަރު ނޫސްތަކާއި ހަބަރު ފަތުރާ ޗެނަލްތަކެއް ނުހުރެ އެވެ. އޭރު އޮންނަނީ އޮންލައިން ހަބަރު ފަތުރާ ދެތިން ނޫހަކާއި ބްރޯޑްކާސްޓުކުރަން ދައުލަތުގެ މީޑިއާ ހިމަނައިގެން ދެތިން ޗެނަލެކެވެ. އޭރު ނޫސްވެރިއެކޭ ބުނުމުން އާއްމުންގެ އިހުތިރާމު ވަރަށް ބޮޑަށް ލިބުނެވެ. އޭރު އެއީ މުޖުތަމައު ބަލައިގަންނަ ޕްރޮފެޝަނެކެވެ.
ނަމަވެސް މިހާރު ނޫސްވެރިއެކޭ ބުނުމުން އެންމެ ފުރަތަމަވެސް ބުނާނީ އެއީ "ދޮގު" ހަދާ މީހުންނެވެ. ބްރޭންޑުވެފައި އޮންނަނީވެސް އެހެންނެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. ހިތުހުރިހާ ގޮތަކަށް ހަބަރުތައް ލިޔެ ޝާއިއު ކުރަނީ އެވެ. ތެދެއް ދޮގެއް ބެލުމެއް ނެތެވެ. ހެއްކަކަށް ބެލުމެއް ނެތެވެ. މީހުންގެ އަބުރާ އިއްޒަތަށް އަރައިގަންނަނީ އެއީ ކުރެވޭ މާމޮޅު ކަމެއްގެ ގޮތުގަ އެވެ. ހަސަދަ ފިލުވަންވެސް ގަސްތުގައި ދޮގު ހަބަރު ފަތުރާ އާއްމުންނަށް އޮޅުވާލަނީ އެވެ. މިއީ ނޫސްވެރިކަމެއް ނޫނެވެ. އެއީ ފިތުނަވެރިކަމެވެ. އެއަށް އެންމެ އެކަށޭނެ ނަމަކީ އެއީ އެެވެ.
އެފަދަ ވާހަކަތައްލިޔެ މީސްމީޑިއާއަށް ދޫކޮށްލުމުން ގިނަ ފަހަރަށް ގެއްލިގެން ދަނީ އެތަށް ބައެއްގެ ދިރިއުޅުމެވެ. ހަލަބޮލިވެ ފިތުނަ ފަސާދަ އުފެދެނީ މުޅި ގައުމުގަ އެވެ. އެކަންކަމުން ރައްކާތެރިވުމަށް މިފަދަ ބިލެއް ފާސް ކުރުމުން އިނގެނީ މިއަދުގެ ސަރުކާރުން ރައްޔިތުންނާ ދޭތެރޭ ވިސްނާ ފިކުރުކުރާކަމެވެ.
ގިނަ ބަޔަކު ބިލާ މެދު ކަންބޮޑުވަނީ ބިލާ ދެކޮޅު ހަދާ ފަރާތްތަކުން ހިޔާލުފާޅުކުރުމުގެ މިނިވަންކަން ގެއްލޭނެއޭ ކިޔާ ބިލުގެ މުޅި މަގުސަދު އޮޅުވާލުމުންނެވެ. ނަމަވެސް މި ބިލު ދިރާސާ ކޮށްލައިފި ނަމަ އާންމުންގެ ހިމާޔަތާއި އިތުބާރު ހިފެހެއްޓުމަށް ފާސް ކުރި ބިލެއް ކަން ކަށަވަރު ވާނެ އެވެ.
ބިލާ ދެކޮޅަށް ވަކި މަގުސަދުތަކެއް ހާސިލުކުރުމަށް ބަޔަކު ދޮގުވާހަކަ ފަތުރަމުން ދިޔަނަމަވެސް މި ބިލް މަޖިލީހަށް ހުށަހެޅި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު ވިދާޅުވެފައިވަނީ ބިލަކީ ނޫސްވެރިން ބާރުވެރިކުރުމުގެ މަގުސަދުގައި ހުށަހެޅި ބިލެއް ކަމަށެވެ. ބިލާއެކު ނޫސްވެރިކަން އިތުރަށް ބާރުވެރިވެ ޒިންމާދާރުކުރެވޭނެ ކަމަށެވެ.
ހަންނާނު ވިދާޅުވި ގޮތުގައި މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނަކީ ބޭކާރު ބޮޑެތި ހަރަދުތަކެއް ހިނގާ، ބާރެއް ނެތް ދެ މުއައްސަސާކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔަމުންދާކަމަށާ، އެކަމަށް ހައްލެއް ހޯދައި ދިނުމަކީ މިބިލުގެ މައިގަނޑު އެއް ބޭނުމެވެ. ނަމަވެސް ރާއްޖޭގެ ގިނަ މީޑިއާތަކާއި ނޫސްވެރިން ދަނީ ހަންނާނުގެ މިބިލަށް ފާޑުކިޔުން އަމާޒުކުރަމުންނެވެ. އެފަރާތްތަކުން ބުނާ ގޮތުގައި މިބިލުގެ ސަބަބުން ގާނޫނުން މީޑީއާތަކާއި ނޫސްވެރިންނަށް ލިބިދޭ ހައްގުތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ އެވެ. އަދި އާއްމުންނަށްވެސް ހިޔާލުފާޅުކުރަން އޮތް މިނިވަންކަން ގެއްލޭކަމަށް ބުނެ ދަނީ ހަމަނުޖެހުން ހިންގަން ގޮވާލަމުންނެވެ.
ބިލާދެކޮޅަށް ދައްކާ ދޮގު ވާހަކަތަކަށް ސަރުކާރުން ވަނީ ޖަވާބުދާރީވެފަ އެވެ. ޔޫތް މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވި ގޮތުގައި މި ބިލުގެ މީޑިއާ މާނަކޮށްފައި ވަނީ ރެޖިސްޓާޑް މީޑިއާތަކަށް ކަމަށެވެ. އަދި މީޑިއާއަށް ނިސްބަތް ނުވާ މީހަކަށް އެ ބިލް އެޕްލައި ނުވާނެ ކަމަށާއި ސޯޝަލް މީޑިއާގައި ކޮންޓެންޓު ހަދާ ޒުވާނުންނާއި ފަރާތްތަކަށް ވެސް މި ބިލް އެޕްލައި ނުވާނެ ކަަމަށް އަސްވާޑު ވިދާޅުވި އެވެ.
"މީޑިއާ ފޯރަމް"ގައި ވާހަކަފުޅުދައްކަވަމުން އަސްވާޑު ވިދާޅުވީ ނޫސްވެރިންގެ ފަރާތުން މީޑިއާ ބިލަށް ހުށައެޅި ހުރިހާ ކަންބޮޑުވުމެއް އަޑު އަހައި، ދައުލަތުގެ ބަންޑާރަ ނައިބާއެކު މަޝްވަރާކޮށްގެން އެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް އިސްލާހު ގެނެސްފައިވާ ކަމަށެވެ.
އިސްލާހުތައް ހުށައެޅި ފަހުންވެސް ބިލާ ދެކޮޅަށް ކަންބޮޑުވުންފާޅުކުރި ބައެއް ނޫސްވެރިންނާ ފޯނުން ވާހަކަދެއްކެވި ކަމަށާއި އެ ނޫސްވެރިންވެސް އިތުރު ކަންބޮޑުވުމެއް ނެތްކަމަށް ވިދާޅުވިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ނޫސްވެރިންނާ ވާހަކަދެއްކިން ކޮން ހައްލެއްހޭ ގެންނަންވީ ބުނެ. އެކަމަކު ނޫސްވެރިން ބުނަނީ ބިލު ޕާކު ކޮށްލާށޭ. ކޮންކަމަކާތޯ ޕާކުކުރަންވީ. ބުނި ހުރިހާ އިސްލާހެއް ގެނެވިއްޖެ. ނޫސްވެރިން ބުނި މީޑިއާގެ މައްސަލަ ބަލަމުންދާއިރު، މީޑިއާގެ ލައިސަންސް ހިފަހައްޓައިގެން ނުވާނޭ. އެ މާއްދާވެސް ނަގައިފިން. މައްސަލަ ބަލައި ނިމުނީމަ މިހާރު ފިޔަވަޅެއް އަޅާނީ." ވަޒީރު ވިދާޅުވި އެވެ.
މި ބިލު ފާސްކޮށްފައި މިވަނީ ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ ވޯޓުގައި މެޖޯރިޓީ މެމްބަރުން ބިލަށް ތާއީދު ކުރުމުންނެވެ. ރައްޔިތުންގެ ހައްގުތަށްކަށް ވިސްނައި އެ ހައްގުތަށް އަމަލީގޮތުން ލިބިދޭނެ ޔަގީންކަން ކަށަވަރު ކޮށްދިނުމަށެވެ. މި ބަދަލަކީ އެތައް ޒަމާނަކަށްފަހު އައި ބަދަލަކަށް ވުމުން ބަޔަކަށް އަދި މިކަން ހަޖަމުކުރަން އުނދަގޫވެދާނެ އެވެ. ބަލައިގަންނަން ދަތިވާނެ އެވެ. ނަމަވެސް މި ބިލުގެ އަސްލު ނޯޅޭނެ އެވެ. މި ބިލާއެކު ނޫސްވެރިކަން އިތުރު ހަރުފަތަކަށް ދާނެ އެވެ. ނޫސްވެރިން ޒިންމާދާރު ކުރެވުނީ އެވެ. އަނެއްކާވެސް ނޫސްވެރިންނާ މެދު ރައްޔިތުންގެ ހިތުން ފަނޑުވެފައިވާ އިތުބާރާއި އިހުތިރާމު އާލާވާން ފަށާނެ އެވެ.