ސަރުކާރު ހިންގާ މައި ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ސިލްސިލާ ސައްލާ ފޯރަމްތަކެއް ފަށަން ނިންމައިފިއެވެ.
ޕީއެންސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ "ރައްޔިތުންގެ ސައްލާ ފޯރަމް" ގެ ނަމުގައި ފަށާ މި ފޯރަމްތަކަކީ ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށް ބާއްވާ ފޯރަމްތަކެއް ކަމަށާއި ފުރަތަމަ ފޯރަމް މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިރޭގެ ފޯރަމްގެ މައުޞޫއަކީ "ގެދޮރުވެރިކަމުގެ ބަޖެޓް 2025" އެވެ.
މި ފޯރަމްގައި ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު އާއި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޮރ ލީގަލް އެފެއާޒް މުޙައްމަދު ފިރުޒުލް އަދި ފިނޭންސް މިނިސްޓްރީގެ ނައިބު އަޙުމަދު ސާއިދު މުސްޠަފާ ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޕީއެންސީން ބުންޏެވެ.
ޕީއެންސީން ބުނީ މި ފޯރަމްގައި ބައިވެރިވާ އާންމު ރައްޔިތުންނަށް ޕެނަލްގެ ބައިވެރިންނާއި ސުވާލުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓުގައި އަންނަ އަހަރު ސަރުކާރުން ރާއްޖޭގެ އެކި ސަރަޙައްދުތަކަކަށް ބަހާލައިގެން 1.5 ބިލިއަން ރުފިޔާގެ ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގަން ވަނީ ކަނޑައަޅާފައެވެ.
އެ ބަޖެޓުގައި ގެދޮރު އިމާރާތް ކުރުމަށް 5 ޕަސެންޓް އިންޓްރެސްޓް ރޭޓުގައި 2 ބިލިއަން ރުފިޔާ އާއި 4 ބިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް ލޯނު ފޯރުކޮށްދިނުމަށް ވެސް ވަނީ ހިމަނާފައެވެ.









