ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ސަބަބުން ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތައް އަލުން ބައްޓަން ކުރަމުންދާގޮތާއި، ކުދި ޖަޒީރާ ގައުމުތަކުގެ ޖިއޮގްރަފިކް އަދި އިޤްތިޞާދީ ހުރަސްތަކުން އަރައިގަތުމަށް އާ ގޮތްތަކެއް ހޯދުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން، ކޮމަންވެލްތު ޕާލަމެންޓަރީ އެސޯސިއޭޝަން (ސީ.ޕީ.އޭ)ގެ ކުދި ގޮފިތަކުގެ ނެޓްވޯކް ޕްރޮގްރާމްގައި މަޝްވަރާކޮށްފިއެވެ.
ސީ.ޕީ.އޭގެ ކުދި ގޮފިތަކުގެ ނެޓްވޯކް ޕްރޮގްރާމްގައި ކުދި ޤައުމުތަކުގެ މެދުގައި އާލާވަމުން އަންނަ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ޓްރެންޑަށް މަޝްވަރާކުރައްވަމުން، ރާއްޖެއިން ޑިޖިޓަލް ބަދަލަކަށް ކުރަމުންދާ ދަތުރާއި، ރާއްޖޭގެ ކާމިޔާބީގެ ވާހަކަތައް ޙިއްސާ ކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އޮނަރަބަލް އަޙްމަދު ނާޒިމްއެވެ.
އޮސްޓްރޭލިއާގެ ސިޑްނީގައި، ސީ.ޕީ.އޭގެ ކުދި ގޮފިތަކުގެ ނެޓްވޯކް ޕްރޮގްރާމްގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ މި ވޯކްޝޮޕްގައި ކޮމަންވެލްތުގެ ކުދި ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުން އަލިއަޅުއްވާލެއްވީ، އެ ޤައުމުތަކުން ޑިޖިޓަލް އިނޮވޭޝަންގައި ކުރިއަށްދާ ގޮތާ ބެހޭ ގޮތުންނެވެ.
މޯލްޓާގެ ޑެޕިއުޓީ ސްޕީކަރ ޑޭވިޑް އަގިއުސްގެ ރިޔާސަތުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އޮނަރަބަލް ނާޒިމް ވިދާޅުވީ އާ ޓެކްނޮލޮޖީއަށް ފިރާލާ ޤައުމެއްގެ ގޮތުގައި ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާ ކަމަށާއި، ރާއްޖެއިން ވަނީ، ރައްކާތެރި އަދި އިންޓައޮޕަރެބަލް ޑިޖިޓަލް ޚިދުމަތްތަކާއި ޕާސަނަލް ޑޭޓާގެ މުހިންމުކަން އިޙުސާސްކޮށް އެކަމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައި ކަމަށެވެ.
ނާޒިމް ވިދާޅުވީ ރާއްޖެއިން ގެންގުޅޭ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސްޓްރެޓެޖީގެ އަސާސަކީ، ރާއްޖޭގެ ޤައުމީ ޑިޖިޓަލް އައިޑެންޓިޓީގެ ޚިދުމަތް ކަމަށްވާ އީފާސް ކަމަށެވެ. މި ނިޒާމުގެ ސަބަބުން ރައްޔިތުންނަށް ސަރުކާރުގެ ޚިދުމަތްތައް އިތުބާރުހުރި ގޮތެއްގައި ލިބޭނެ ގޮތް ހަދައިދެވި ފަސޭހަކޮށްދެވިފައިވާ ކަމަށް ވިދާޅުވެ ނާޒިމް ވަނީ ސަރުކާރުން މުއާސަލާތުކުރުމަށް ބޭނުންކުރާ ޖެމްސްއަށްވެސް އަލިއަޅުއްވާލައްވާފައެވެ. އަދި، އަލަށް ތަރައްޤީ ކުރަމުންދާ ޖެމްސް ވޯކްސްޕޭސް ކޮމްޕޮނެންޓް ތަޢާރަފްވުމުން 24 ގަޑިއިރު ސަރުކާރުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިކޮށްދީ ސަރުކާރުން ދެމުންދާ ޚިދުމަތްތަކަށް އިންގިލާބީ ބަދަލެއް އަންނާނެކަންވެސް ނާޒިމް ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ޑޮކިއުމަންޓޭޝަން ޕްރޮސެސްތައް ސްޓްރީމްލައިންކޮށް، ޓެކްނޮލޮޖީ ބޭނުންކޮށްގެން އުދަނގޫ އިދާރީ މަސައްކަތްތައް ހަރުދަނާކޮށް މެނޭޖްކުރެވޭނެ ގޮތް ދައްކުވައިދޭ ޑިޖިޓަލް ޕްލެޓްފޯމެއް ކަމަށްވާ އެކްސްޕެޓް ސިސްޓަމްގެ ތަފުސީލުވެސް މި ބައްދަލުވުމުގައި އެމަނިކުފާނު ދެއްވިއެވެ.
މި ވޯކްޝޮޕްގައި ކޮމަންވެލްތުގެ ކުދި ޤައުމުތަކަށް ކުރިމަތިވާ ތަފާތު ގޮންޖެހުންތަކުގެ ތެރޭގައި ވަސީލަތްތައް މަދުވުމާއި، މާކެޓަށް ވަދެވޭނެ ގޮތް ހަނިވުމާއި، އިޤްތިޞާދީ ލޮޅުންތަކުގެ ނާޒުކުކަމަށްވެސް ވާހަކަ ދައްކައި ވަނީ ޚިޔާލު ބަދަލުކޮށްފައެވެ. އަދި ޑިޖިޓަލް ލިޓެރެސީ ޕްރޮގްރާމްތަކަށް އިންވެސްޓްކުރުމާއި ޑިޖިޓަލް ބަދަލުތައް ތައާރަފުކޮށް ޚިދުމަތްތައް އަވަސްކުރުމަށް އަމަލީ ސްޓްރެޓެޖީތައް ހޯދުމާ މެދުވެސް ވަނީ މަޝްވަރާކޮށްފައެވެ.
ސަރަހައްދީ ނުވަ ގްރޫޕަކަށް ބަހާލައިގެން ކޮމަންވެލްތުގެ 52 މެންބަރު ޤައުމުތަކުގެ މަންދޫބުން ހިމެނޭ ސީ.ޕީ.އޭ ސްމޯލް ބްރާންޗްސް ނެޓްވޯކަކީ އާ އުފެއްދުންތައް ޙިއްސާކުރުމަށް މުހިންމު ފޯރަމެކެވެ.
މި ގްރޫޕުގެ އެޖެންޑާ އިތުރަށް ކުރިއަށް ގެންދިއުމަށްޓަކައި، އެ ނެޓްވޯކްގެ އޭޝިއާ ސަރަޙައްދުގެ ރިއާސަތު ބެލެހެއްޓެވުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމްގެ ނަންފުޅު ވަނީ ހުށަހަޅާފައެވެ. އަދި އެމަނިކުފާނު މި އެޖެންޑާ ލީޑް ކުރެއްވުމުގައި މުހިންމު ދައުރެއް އަދާކޮށްދެއްވުމަށް ވެސް ވަނީ ހުށަހަޅާފައެވެ.









