ނުހައްގު މުއްސަނދިކަން ހޯދާ ކުށް ޤާނޫނުގައި މަނާކުރާގޮތް އޮޅުން އަރާތީ އެ ޤާނޫނު އިސްލާހުކުރުމަށް ބިލެއް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް އެ ބިލު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް އެވެ.
މި އިސްލާހު ހުށަހެޅުމުގެ ސަބަބެއްގެ ގޮތުގައި ބަޔާންކުރައްވާފައި ވަނީ ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުގެ ކުށް ކަނޑައަޅާފައި އޮތް ގޮތުން ޤާނޫނު މާނަކުރުމުގައި އޮޅުން އަރާތީ ކަމަށެވެ.
މި އިސްލާހު ގެނައުމަށް ހުށަހަޅާފައިވަނީ ޤާނޫނުލްއުޤޫބާތުގެ 515 ވަނަ މާއްދާއަށެވެ. އެ މާއްދާގައި (ހ) ގައި ބަޔާންކޮށްފައިވާ ގޮތުން ދައުލަތުގެ މުވައްޒަފަކު ނުވަތަ ދައުލަތުގެ މުވައްޒަފެއްގެ މަޤާމު އަދާކޮށްފައިވާ މީހަކު އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކުރާނަމަ އެއީ ކުށެއް ކަމަށެވެ.
- ދައުލަތުގެ މުވައްޒަފަކަށްވެހުރެ ލިބެމުންދާ ނުވަތަ ދައުލަތުގެ މުވައްޒަފެއްގެ ގޮތުގައި ވަޒީފާ އަދާކުރިއިރު ލިބެމުންދިޔަ އާމްދަނީއާ ނުބައްދަލު ދިރިއުޅުމުގެ ފެންވަރެއް ގާއިމްކޮށްފައިވުން ނުވަތަ އެފަދައިން ގާއިމްކުރާ ދިރިއުޅުމުގެ ފެންވަރު ދެމެހެއްޓުން.
- ދައުލަތުގެ މުވައްޒަފަކަށް ހުރިއިރު ލިބެމުންދިޔަ ނުވަތަ ދައުލަތުގެ މުވައްޒަފަކަށްހުރެ ލިބެމުންދާ އާމްދަނީއާ ނުބައްދަލު މިންވަރަކަށް އޭނާގެ ނަމުގައި ނުވަތަ އޭނާއާ އާއިލީ ނުވަތަ ޒާތީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހެއްގެ ނަމުގައި މުދާ ނުވަތަ ފައިސާ ހޯދައި މިލްކުކުރުން.
- އެ ދިރިއުޅުމުގެ ފެންވަރު އޭނާ ގާއިމްކޮށް ހިފަހައްޓާފައިވަނީ ގާނޫނީގޮތުން ހުއްދަކޮށްފައިވާ ގޮތުގެމަތިންކަން ސާބިތުކޮށްނުދެވުން ނުވަތަ އޭނާއަށް ނުވަތަ އޭނާއާ އާއިލީ ނުވަތަ ޒާތީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހަކަށް އެ މުއްދަލެއް ނުވަތަ ފައިސާ ލިބިފައިވަނީ ގާނޫނު ހުއްދަކުރާ ގޮތުގެ މަތިންކަން ސާބިތުކޮށްނުދެވުން.
އެ ގާނޫނުގެ (ށ) ގައި ބުނެފައިވަނީ ދައުލަތުގެ މުވައްޒަފެއްގެ ދިރިއުޅުމުގެ ފެންވަރު އޭނާ ޤާއިމުކޮށް ހިފަހައްޓާފައިވަނީ ގާނޫނީގޮތުން ޙުއްދަކޮށްފައިވާ ގޮތުގެމަތިން ކަމުގައިވާނަމަ އޭނާއަށް، އާއިލާއަށް، ޒާތީ، ވިޔަފާރީގެ ގުޅުމެއް އޮތް މީހަކަށް އެ މުދަލެއް ނުވަތަ ފައިސާ ލިބިފައިވަނީ ޤާނޫނު ހުއްދަކުރާ ގޮތުގެ މަތިން ކަމުގައިވާނަމަ އެއީ ކުށެއް ނޫން ކަމަށެވެ.
(ނ) ގައި ބުނެފައިވަނީ އެ ދަޢުވާ ލިބޭ މީހަކާ އާއިލީ، ޒާތީ، ވިޔަފާރީގެ ގުޅުމެއް އޮތް މީހެއްގެ ނަމުގައި މިލްކުކުރާ މުދާ ނުވަތަ ފައިސާ، އެމީހެއްގެ ނަމުގައި އެހުރީ ދަޢުވާ ލިބޭ މީހާގެ ބޭނުމަށްޓަކައި ނުވަތަ އޭނާއަށް މަންފާ ލިބިދެވޭގޮތަށް ކަމުގައި ނުވަތަ އޭނާގެ ބާރު ހިނގާގޮތަށް ކަމުގައި ކޯޓަށް ސާބިތުކޮށްދީފި ކަމުގައިވާނަމަ އެ މުދާ، ފައިސާއަކީ ދަޢުވާ ލިބޭ މީހާގެ ނަމުގައި ހުރި މުދަލެއް ނުވަތަ ފައިސާއެކޭ އެއްފަދައިން އެ މީހަކަށް ނިސްބަތްކުރެވޭނެ މުދަލެއް ނުވަތަ ފައިސާއެއް ކަމުގައިވާނެ ކަމަށެވެ.
(ރ) ގައި ހިމަނާފައިވަނީ 515 ވަނަ މާއްދާގައި ދަރަޖަކުރުމުގެ މާއްދާއަށް ބަދަލެއް ގެނައުމަކާ ނުލައެވެ.
ދައުލަތުގެ އިދާރާތަކުގެ ތެރޭގައި އަށަގެންފައިވާ ކޮރަޕްޝަނާއި ނުހައްގު މުއްސަދިކަން ހޯދުމުގެ މައްސަލަތައް ތަހުޤީޤުކޮށް، ދަޢުވާކުރުމަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް ގެންނަންޖެހޭ އިސްލާހުތައް މި ހަފްތާގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ ހަފްތާގައި ވިދާޅުވެފައެވެ.
އެމަނިކުފާނު ވިދާޅުވެފައިވަނީ ޤާނޫނުލްޢުޤޫބާތުގެ 515 ވަނަ މާއްދާއަށް ގެނެވޭ އިސްލާހުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ފަނޑިޔާރުން ހިމެނޭގޮތުން، ދައުލަތުގެ މުވައްޒަފުންނާއި ދައުލަތުގެ މުވައްޒަފެއްގެ މަޤާމު އަދާކޮށްފައިވާ ފަރާތްތަކުން ހޯދަމުންދާ ނުވަތަ ހޯދާފައިވާ ނުޙައްޤު މުއްސަނދިކަމުގެ މައްސަލަތައް ބެލުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.









