ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ދެމުންދާ "ފުދުންތެރިކަން ނެތް ފަރާތްތަކަށް ދެވޭ ބޭސްފަރުވާގެ އެހީ" ޚިދުމަތަށް 'ވަންގަވް' މެދުވެރިކޮށް އެދެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.
'ވަންގަވް' އަކީ ދިވެހި ސަރުކާރުގެ ޚިދުމަތްތައް ރައްޔިތުންނަށް އަވަސްކަމާއި ފަސޭހަކަމާއެކު އެއް ތަނަކުން ގެނެސްދިނުމަށް ފަރުމާކޮށްފައިވާ ޑިޖިޓަލް ޕްލެޓްފޯމްއެކެވެ.
ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ޚިދުމަތްތައް ވަންގަވް މެދުވެރިކޮށް ލިބޭނެ ގޮތް ތަޢާރަފްކުރުމަށް މިއަދު ހެނދުނު އިސްލާމިކް މިނިސްޓްރީގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި މި ޚިދުމަތް ރަސްމީކޮށް ތަޢާރަފްކޮށްދެއްވީ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
Advertisement

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މި ޚިދުމަތަކީ ރައްޔިތުންނަށް ލުއިފަސޭހަކަމެއް ލިބިގެންދާނެ ޚިދުމަތަކަށް ވެގެންދާނެކަމަށާއި މި ޚިދުމަތް ތަޢާރަފްކުރުމަށް ޒަކާތު ހައުސްގެ މުވައްޒަފުންނާއި ޓްރޭޑްނެޓްގެ މުވައްޒަފުން ކުރެއްވި މަސައްކަތް ފާހަގަކުރައްވާކަމަށާއި އެކަމަށްޓަކައި އެ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާކަމަށެވެ. އަދި މިފަދަ ހުރިހާ ކަމަކަށް ވުޒާރާގެ ފުރިހަމަ އެއްބާރުލެއްވުން ލިބިލައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ބޭސްފަރުވާގެ ޙިދުމަތް ވަންގަވްއަށް ގެނެސްފައިވަނީ ރައްޔިތުންނަށް ވީހާވެސް ލުއި ފަސޭހަކަމާއި އަވަސްކަމާއެކު ޚިދުމަތެއް އެދިލެއްވޭނެ އިންތިޒާމް ހަމަޖެއްސެވުމަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
މި ޚިދުމަތް ތަޢާރަފްކުރުމާއެކު މިއަދުން ފެށިގެން ކައުންޓަރަށް ނުވަތަ އީމެއިލް މެދުވެރިކޮށް ޒަކާތުގެ ބޭސްފަރުވާގެ އެހީއަށް އެދި ހުށައަޅާ ފޯމުތައް ބަލައިނުގަންނާނެއެވެ.







