ކޮންމެ ދުވަހަކުވެސް މަސައްކަތް ކުރައްވަނީ ވަޢުދުވިގޮތަށް ރާއްޖޭގެ މިނިވަންކަން ޙިމާޔަތް ކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ނަޞްރުގެ ދުވަހުގެ ޚާއްޞަ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ، ވެރިކަމާއި ޙަވާލުވެވަޑައިގެން ކުރެވުނު އެންމެ ބޮޑު އެއް މަސައްކަތަކީ ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ޙިމާޔަތް ކުރުމެވެ.
ރައީސް އިތުރަށް ވިދާޅުވީ 1988 ގެ ނޮވެމްބަރު 3 ގައި ދިވެހިރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލާއާއި، އެ ޙަމަލާއިން ސަލާމަތްވުމަށް ކުރެވުނު މަސައްކަތުން ލިބުނު ފިލާވަޅުތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށާއި، އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ގިނަ ކަމަށެވެ.
ވެރިކަމަށް ވަޑައިގަތުމަށްފަހު ރައްޔިތުންނަށް ދެއްވި އެންމެ ބޮޑު ވަޢުދަކީ ޤައުމާއި ޤައުމުގެ މިނިވަންކަން އިސްކުރުން ކަމަށް ރައީސް ހަނދުމަފުޅުކޮށްދެއްވައި، އެ ދުވަހުން ފެށިގެން މިއަދާއި ހަމައަށް ވެސް ކޮންމެ ދުވަހަކު މަސައްކަތް ކުރައްވަމުން ގެންދަވަނީ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ކަމަށް ވިދާޅުވިއެވެ.
ޤައުމުގެ ޢަސްކަރީ ބާރު ވަރުގަދަކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ރައީސް ފާހަގަކުރެއްވީ އެއާކޯ ޤާއިމުކުރެވުނު ކަމަށާއި، ޒަމާނީ ޔޫއޭވީތައް ގެނެވި، ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމުގެ ޤާބިލުކަން ސިފައިންގެ ތެރޭގައި ޤާއިމުކުރެވުނު ކަމަށެވެ. އަދި ކޯސްޓްގާޑުގެ ޤާބިލުކަން އިތުރުކުރުމަށް ސްޕެޝަލް ބޯޓް ސްކޮޑްރަން ޤާއިމުކުރެވުނު ކަމަށާއި، ކޯސްޓްގާޑުގެ ފްލީޓު ދެގުނަ ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.






