ސީ-ޓު-އެއަރ ކާގޯ ޚިދުމަތް މެދުވެރިކޮށް މަހަކު 400 އަށްވުރެ ގިނަ ކޮންޓެއިނަރުގެ މުދާ ރާއްޖެއަށް ގެނެސް، ވައިގެ މަގުން ބޭރު ޤައުމުތަކަށް ފޮނުވުމުގެ ފުރުޞަތު އޮތްކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުޙައްމަދު ވަޖީޙް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަޖީޙް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި އިޤްތިޞާދު ހަރުދަނާކުރުމަށް އައު ސިނާޢަތްތައް ތަޢާރަފުކުރުމަށް އިސްކަންދެއްވާފައިވާ ކަމަށެވެ. އެގޮތުން ވެރިކަމަށް އަހަރު ނުވަނީސް "ސީ-ޓު-އެއަރ ކާގޯ" ޚިދުމަތް ފަށައި، މިހާރު އެ ޚިދުމަތް ކުރިއަރަމުންދާ ކަމަށް ފާހަގަކުރެއްވިއެވެ.
މި ޚިދުމަތް ފުރަތަމަ ފެށުނީ މިއަހަރުގެ މާރިޗު މަހު ޓާކިޝް އެއަރލައިންސްއާއެކު ސޮއިކުރެވުނު އެއްބަސްވުމަކާ ގުޅިގެންނެވެ. ފުރަތަމަ ކާގޯ ޝިޕްމަންޓް ފޮނުވާފައިވަނީ މެއި މަހުއެވެ. މިހާރު މި ޚިދުމަތުގައި ރާއްޖެއަށް ދަތުރުކުރާ 7 އެއަރލައިނެއް ބައިވެރިވެފައިވެއެވެ.
ވަޖީޙް ވިދާޅުވީ މި ޚިދުމަތުގެ ޑިމާންޑު ކުރުމުއްދަތެއްގެ ތެރޭގައި ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން އޮކްޓޯބަރު މަހު އެކަނި 96 ކޮންޓެއިނަރު (418 ޓަނުގެ މުދާ / 34,946 ދާގީނާ) ވައިގެ މަގުން ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށް އޭނާ ހާމަކުރެއްވިއެވެ.
މި ޚިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި އެމްޕީއެލްގެ ޓީމަކާއި އިނަރ މޯލްޑިވްސްގެ ވެރިޔާ މުޙައްމަދު ފިރާޤް ވަނީ ބަންގްލަދޭޝްގެ ޗިޓަގޮންގއަށް ޒިޔާރަތްކޮށް، އެ ޤައުމުގެ ގާމެންޓް ފެކްޓަރީތަކުގެ ވެރިންނާއި މަޝްވަރާކޮށްފައެވެ. މި މަޝްވަރާތަކުން އެނގުނު ގޮތުގައި، މި ޚިދުމަތް ރަނގަޅަށް ދެވިއްޖެނަމަ، މަހަކު 400 އަށްވުރެ ގިނަ ކޮންޓެއިނަރުގެ މުދާ ކަނޑުމަގުން ރާއްޖެއަށް ގެނެސް، ވައިގެ މަގުން އެހެން ޤައުމުތަކަށް ފޮނުވުމުގެ ފުރުޞަތު އެބައޮތެވެ.
މި ޚިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި ރާއްޖެއަށް ދަތުރުކުރާ ޝިޕިންގ ލައިންތަކާއެކު މަޝްވަރާކުރަމުންދާ ކަމަށާއި، ބޭނުންވާ މެޝިނަރީތަކާއި އިކުއިޕްމަންޓްތައް ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ވަޖީޙް ވިދާޅުވިއެވެ. އަދި ކަސްޓަމަރުން ހިތްހަމަޖެހޭ ފަދަ ޚިދުމަތެއް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިހާރު މި ޚިދުމަތުގެ ދަށުން ރާއްޖެއިން ބޭރުކުރެވެނީ ބަންގްލަދޭޝްގައި އުފައްދާ އަންނައުނުގެ ބާވަތްތަކެވެ. ކުރިން މި މުދާތައް ޔޫރަޕަށް ފޮނުވަމުން އައީ އިންޑިއާ އަދި ސްރީލަންކާ މެދުވެރިކޮށެވެ. ނަމަވެސް ރާއްޖޭގައި މި ޚިދުމަތް ފެށުމާއެކު، މިކަމަށް ލިބޭ ތަރުހީބު ބޮޑުވެފައިވާ ކަމަށް ވަޖީޙް ވިދާޅުވިއެވެ. މި ޚިދުމަތް ފުޅާވަމުން ދިއުމާއެކު، މި ސަރަޙައްދުގެ ބައެއް ޤައުމުތަކުން ކަންބޮޑުވުން ފާޅުކުރަން ފަށާފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ޖިއޮގްރަފިކަލް ލޮކޭޝަނާއި، ވައިގެ ބަނދަރުތަކުގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވުމާއެކު، ސީ-ޓު-އެއަރ ކާގޯ ޚިދުމަތަކީ ރާއްޖޭގެ އިޤްތިޞާދަށް އައު ދޮރެއް ހުޅުވިދާނެ ދާއިރާއެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ. މި ޚިދުމަތް އިތުރަށް ތަރައްޤީކޮށް ފުޅާކުރުމަށް ސަރުކާރުން އިސްކަންދޭކަން ފާހަގަކުރެވެއެވެ.









