ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ޢާންމުންނަށް ހުޅުވާލައިގެން ބާއްވާ ޚާއްޞަ މިލިޓަރީ ޑިސްޕްލޭއެއް މިއަދު ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
މި ޑިސްޕްލޭ އޮންނާނީ މިއަދު ހަވީރު 16:15 ގައި މާލޭގެ ޖުމްހޫރީ މައިދާނުގައެވެ. މި ޑިސްޕްލޭގައި އެމްއެންޑީއެފުން ބޭނުންކުރާ އެކިއެކި އުޅަނދުތަކާއި ބަޑިތައް އާންމުންނަށް ދައްކާލާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ނަޞްރުގެ ދުވަހުގެ ރަސްމީ ޙަރަކާތްތައް މިއަދު ފެށިފައިވަނީ ސިފައިން އެއް ޖަމާޢަތެއްގައި ކުރި ފަތިސްނަމާދުންނެވެ. މި ދުވަސް ފާހަގަކުރަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހު ރާއްޖެއަށް ދިން ޢުދުވާނީ ޙަމަލާއާ ގުޅިގެންނެވެ.
އެ ޢުދުވާނީ ޙަމަލާއަކީ ފަހުގެ ތާރީޚުގައި ރާއްޖޭގެ މިނިވަންކަމަށް ލޮޅުން އަރުވާލި އެންމެ ނުރައްކާތެރި ޙާދިޘާއެވެ. ދިވެހިންގެ މަދު ބަޔަކު އަޑީގައި ތިބެގެން ހިންގި މި ޢުދުވާނުގައި ސިފައިންގެ ތެރެއިން 8 ބޭކަލަކާއި، އާންމު ރައްޔިތުންގެ ތެރެއިން 11 މީހަކު ޝަހީދުވިއެވެ.
މިއަދުގެ މިލިޓަރީ ޑިސްޕްލޭއަކީ އެ ދުވަހު ޤައުމު ސަލާމަތްކުރުމަށް ހިތްވަރާއެކު ކުރެވުނު މަސައްކަތްތަކާއި، ޝަހީދުވި ފަރާތްތަކުގެ ޤުރުބާނީ ހަނދާންކޮށް، އާ ޖީލުތަކަށް އެ ދުވަހުގެ މުހިންމުކަން އަންގައިދިނުމަށް ބާއްވާ ޙަރަކާތެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެހެންކަމުން، ޢާންމު ރައްޔިތުންނަށް މި ޑިސްޕްލޭ ބެލުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށްވެސް އެމްއެންޑީއެފްއެންޑީއެފުން ވަނީ ހާމަކޮށްފައެވެ.









