1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހަކީ ދިވެހިންގެ ލޭ އޮހޮރި، ދިވެހިންގެ ކަރުނަ އޮހޮރި، ދިވެހިންގެ ހިތްތައް ފުނޑުފުނޑުވެގެން ދިޔަ ދުވަހެކެވެ. 19 ދިވެއްސަކު ޝަހީދުކޮށްލި ދުވަހެވެ. އޭގެ ތެރޭގައި ހިމެނެނީ ސިފައިންގެ 8 ބޭކަލުންނާއި ޢާންމު ރައްޔިތުންގެ 11 ބޭކަލުންނެވެ. އަދި 39 ދިވެއްސަކު ޒަޚަމްވިއެވެ. މީގެ ތެރޭގައި ހިމެނެނީ ސިފައިންގެ 18 ބޭކަލުންނާއި ޢާންމު ރައްޔިތުންގެ 21 ބޭކަލުންނެވެ. އެ ދުވަހު ދިވެހިންގެ ލޭ އޮހޮރުނުވަރުން ދިވެހި ބިމުގެ ވެލިގަނޑު ރަތްވެގެން ދިޔައެވެ.

މި ޖަރީމާ ހިންގީ ދިވެހި ޚާއިނުންތަކެއް އަޑީގައި ތިބެގެން ސްރީލަންކާގެ ހަނގުރާމްވެރި ޕްލޯޓް ޖަމާޢަތާއި ގުޅިގެންނެވެ. އިސް ލީޑަރުންނަކީ ހ. ހާޖަރާގޭ ޢަބްދުﷲ ލުޠުފީ އާއި ސ. ހިތަދޫ ޕެރިސްހޮލިޑޭ ސަގަރު އަޙްމަދު ނާޞިރެވެ. އެމީހުންގެ އިތުރުން މި ޢުދުވާނީ ޙަމަލާގައި ޢަބްދުﷲ ޝާހިދު، ކަރޯ ޢައްބާސް އިބްރާހީމް، މުޙައްމަދު ނަޢީމް (ޕައިލޮޓް ނަޢީމް)، ސިއްކަ އަޙްމަދު އިސްމާޢީލް މަނިކު (މެޑަމް ފަޒްނާގެ ބައްޕާފުޅު) އަދި ޢުމަރު ޖަމާލު ހިމެނެއެވެ.
ޢަބްދުﷲ ލުޠުފީ އާއި ޕްލޯޓް ޖަމާޢަތް
ހ. ހާޖަރާގޭ ޢަބްދުﷲ ލުޠުފީ އަކީ އޭނާގެ ޢަމަލުތައް ހުރިގޮތުގެ ސަބަބުން އެތައް ފަހަރެއްގެމަތިން އަދަބު ލިބިފައިވާ މީހެކެވެ. ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހީމް ނާޞިރު އަވަހާރަކޮށްލުމަށް ހަތިޔާރު/ ފިސްތޯލަ އެތެރެކުރި މައްސަލައެއްގައިވެސް އޭނާ ވަނީ ބައިވެރިވެފައެވެ.
ލުޠުފީ ސްރީލަންކާއަށް ގޮސް އުޅުނު އުޅުމުގައި ބަމްބްލަޕިޓިޔާ ކޯވިލް ކައިރީގައި ހުންނަ ހޮޓަލަކަށް ސައިބޯން ވަރަށް ގިނައިން ދެއެވެ. މިހެން ގޮސް އުޅުނު އުޅުމުގައި " ރުޑުލާ" ނަމަކަށްކިޔާ ތަމަޅައަކާ ރައްޓެހިވިއެވެ. 1987 ވަނަ އަހަރުގެ ޖޫންމަހު ޕްލޯޓް ޖަމާޢަތުގެ އެންމެ އިސްވެރިޔާ ލުޠުފީ އާ ބައްދަލުކުރަން ބޭނުންވާ ވާހަކަ ރުޑުލާ ބުންޏެވެ. އަދި ލުޠުފީ ޕްލޯޓް ޖަމާޢަތުގެ ކޮމާންޑަރ އިން ޗީފް މިސްޓަރ ޖާނޫ (ވަސަންތީ) އާ ބައްދަލުކުރިއެވެ. 1987 ވަނަ އަހަރުގެ ފަހުކޮޅު ވަސަންތީ ބުނެގެން ލުތުފީ އުމާ މަހޭޝްވަރަން އާ ބައްދަލުކުރިއެވެ.

އުމާ މަހޭޝްވަރަން- ލުޠުފީގެ ބަހަށް ރާއްޖެ ހިފަން އުމާ މަހޭޝްވަރަން އެވަރުގެ ރިސްކެއް ނަގައިފާނެކަމާމެދު ލަންކާގެ ސިޔާސީ ފަރާތްތަކުން ސުވާލު އުފައްދާ. ފަސްޓް ލޭޑީ ފަޒްނާގެގެ ބައްޕާފުޅަށް ލުޠުފީއަށްވުރެ ގިނަ ކަންތައްތައް އެނގޭނެ ކަމަށް ބައެއް ދިވެހިން ތުހުމަތުކުރޭ!
ލުތުފީއާ އުމާ މަހޭޝްވަރަން އާ ފުރަތަމަ ދެކެވުނީ ވިޔަފާރީގެ ވާހަކައެވެ. ރާއްޖޭގެ ސަރުކާރު ބަދަލުކޮށްލުމުގެ ވާހަކަ ދެކެވުނީ 1988 ފެބްރުއަރީ މަހު މިދެމީހުންގެ ދެމެދުގައި ބޭއްވުނު ދެވަނަ ބައްދަލުވުމުގައެވެ. އެއަހަރުގެ މާޗް މަހުގެ ތެރޭގައި ތަމަޅަ ހަނގުރާމަވެރިން، ދިވެހި ސިފައިން ބޭނުންކުރާ ހަތިޔާރާއި ސިފައިން ޑިއުޓީ މަރާ ތަންތަންބަލައި ޖާސޫސީ މަޢުލޫމާތު އެއްކުރުމަށް ރާއްޖެ އައެވެ. ޢަބްދުﷲ ލުތުފީ އާއި ސަގަރު ނާސިރު ބައްދަލުވީ އެއަހަރުގެ އޭޕްރީލްމަހުގެ ތެރޭގައެވެ. ޖުލައި 26 އާ ދިމާކޮށް ވަސަންތީ މާލެ އައިސް ސިފައިންގެ ރަސްމީ ޕެރޭޑާއި ކުޅިވަރު ބަލަން މަސައްކަތް ކުރިއެވެ. އޮކްޓޯބަރު މަހުގެ ތެރޭގައި ވަސަންތީ އާއި އުމާ މަހޭޝްވަރަން އާއި ލުޠުފީ އާ ތިންމީހުންވެގެން ސިފައިންގެ ޗާޓު ކުރަހާ ޙަމަލާއަށް ތައްޔާރުވާން ފެށިއެވެ. ޕީޕަލްސް ލިބަރޭޝަން އޮފް ޓެމިލް އީލާމް ( ޕްލޯޓް ) އަކީ ލިބަރޭޝަން ޓައިގަރސް އޮފް ޓެމިލް އީލާމް ( އެލް.ޓީ.ޓީ.އީ) ގެ ވެރިޔާ ވެލުޕިއްލައި ޕްރަބާކަރަންގެ ނައިބެއްގެ ގޮތުގައި ހުރި އުމާ މަހޭޝްވަރަން އާއި ޕްރަބާކަރަން އާ ދެމެދު ޖެހުނު މައްސަލައެއްގައި އެލް.ޓީ.ޓީ.އީ އިން ވަކިވެގެން އުމާ މަހޭޝްވަރަން އުފެއްދި ހަނގުރާމަވެރި ޖަމާޢަތެކެވެ.
ކުލީ ސިފައިން ހަނގުރާމަ ކުރަމުންދިޔަ ގޮތް ކުރުކޮށް:
ތަމަޅައިންގެ ޙަމަލާ ރޭވީ ކޮމާންޑަރު ވަސަންތީއެވެ. އޭނާ 3 ގްރޫޕަކަށް ބަހާލައިގެން ޙަމަލާ ދިނެވެ. ސިލްވަސަންކަރުގެ ގްރޫޕުން ސިފައިންގެ މައިގޭޓަށް، ވަސަންތީގެ ގްރޫޕުން ޕޮލިސް ހެޑްކުއާޓާޒްއަށް، އަދި ސިވަމްގެ ގްރޫޕުން ބަންޑާރަ ކޮށި ގޮއްވާލުމަށް މަސައްކަތްކުރިއެވެ. ދިވެހި ސިފައިން ޙުސެއިން އާދަމާއި އާދަމް މުޙައްމަދު ވަރުގަދަ ދިފާޢީ ޙަމަލާތަކެއް ދިނެވެ. ވަސަންތީ މަރުވީ އާދަމް މުޙައްމަދުގެ ހަމަލާއަކުންނެވެ. އައްޕި މަރުވީ ސިފައިންގެ ފާރު ގޮއްވާލުމަށްފަހު ދިން ހަމަލާއެއްގައެވެ. ވަސަންތީއާއި އައްޕި މަރުވުމުން ތަމަޅައިންގެ ކޮމާންޑު ގެއްލި، ޙަމަލާ ބަލިކަށިވިއެވެ.
ސިފައިންގެ ގޭގެ ޙާލަތު
ސިފައިންގެ އެތެރޭގައި ހިނގި ކަންތައްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ދެ ކަމެއް ވެއެވެ. އެއީ ސިފައިންގޭގައި ތިއްބެވި ވެރިންގެ ދައުރާއި، ބަޑިގުދަނުގެ ތަޅުދަނޑި ބޭރުން އެތެރެއަށް ގެނައުމުގެ މަސައްކަތެވެ. ޙަމަލާ ކުރިމަތިވިއިރު، ސިފައިންގޭގައި ތިއްބެވި ސީނިއަރ އޮފިސަރުންގެ ތެރެއިން ގިނަ ބޭފުޅުންނަކީ އަސްކަރީ ތަމްރީނު ފުރިހަމަކުރައްވާފައިވާ ބޭފުޅުން ނޫން ކަމަށްވާތީ، އޮޕަރޭޝަން ކުރިއަށް ގެންދިއުމުގެ ޒިންމާ ނެންގެވީ މޭޖަރ މުޙައްމަދު ޒާހިރު (ޓޫޓޫ ޒާހިރު) އެވެ. އަދި އޮޕަރޭޝަން ކާމިޔާބުކުރުމަށް ޢަމަލީގޮތުން އެންމެ އިސް ދައުރެއް އަދާކުރެއްވީ ލެފްޓިނަންޓް މޫސާ ޢަލީ ޖަލީލެވެ.
މި ޙާދިސާ ހިނގިއިރު، ސިފައިންގެ ބަޑިގުދަނުގެ ތަޅުދަނޑި އޮތީ އޭރުގެ ޑިފެންސް މިނިސްޓަރުގެ ނައިބު އޮނަރަބަލް އިލްޔާސް އިބްރާހީމްގެ އަތްޕުޅުގައެވެ. އިލްޔާސް އިބްރާހީމް ދިރިއުޅުއްވަމުން ގެންދެވީ މއ. ކިނބިގަސްދޮށުގޭގައެވެ. ތަޅުދަނޑި ސިފައިންގެއަށް ގެނައުމުގައި ޙަރަކާތްތެރިވެވަޑައިގަތީ އޭރުގެ ދެ ކޯޕްރަލުން ކަމަށްވާ އިބްރާހީމް މުޙައްމަދު ދީދީ އާއި ކޯޕްރަލް ފަރުޙަތު ޝަހީރު އެވެ. ކުލީ ސިފައިން ޙަމަލާތައް ބަދަލުކުރަމުންދަނިކޮށް ލިބުނު ކުޑަ ވަގުތުކޮޅެއްގައި ދުވެލާފައި ގޮސް ބަޑިގުދަނުގެ ތަޅުދަނޑި ގެންނާކަށް 10 މިނެޓުވެސް ނުނަގައެވެ. އެހާވެސް އަވަހަށް ދިވެހި ސިފައިން މޫސާ ޢަލީ ޖަލީލްގެ ކޮމާންޑުގެ ދަޑުން ތައްޔާރުވެ ޙަމަލާތައް ބަދަލުކުރަން ފެށިއެވެ.
އެ ދުވަހަކީ ޤައުމަށް ޣައްދާރުވި ދިވެހިންގެ ބަޔަކު ކުލީ ސިފައިންނާއެކު ވެރިރަށް މާލެއަށް އަރައި، ޤާނޫނީ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރި ދުވަހެވެ. އެހެނަސް ދިވެހިންގެ އެއްބައިވަންތަކަމާއި ދިވެހި ސިފައިންގެ ހިތްވަރުގަދަ ޖިހާދުގެ ސަބަބުން ދިވެހިންނަށް ނަޞްރު ލިބުނެވެ. ކޯޕްރަލް ޝަހީދު ޙުސައިން އާދަމްގެ ހިތްވަރާއި ހުޝިޔާރުކަމާއި ޙިކުމަތްތެރިކަމަކީ އެ ދުވަހު ފާހަގަކޮށްލެވޭ ކަންތަކެވެ.
ރައީސް މައުމޫނުގެ ފޯނުކޯލަށް ރާއްޖެއަށް ބޭރުގެ އެހީ ވަގުތުން ވަގުތަށް

ރައީސް މައުމޫން އާއި އިންޑިއާގެ ބޮޑުވަޒީރު ރަޖީވް ގާންދީ: ފައިލް ފޮޓޯ
ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމްގެ ޙިކްމަތްތެރި ވިސްނުމާއެކު، ވަގުތުން އިންޑިއާގެ ބޮޑުވަޒީރު ރަޖީވް ގާންދީއަށް ގުޅުއްވައި އަސްކަރީ އެހީއަށް އެދިވަޑައިގަތެވެ. އޭގެއިތުރަށް އެމެރިކާއަށްވެސް ގުޅުއްވިއެވެ. މިކަމާ ގުޅިގެން އާގްރާގައި ތިބި 44 ވަނަ ސްކޯޑްރަންގެ ސިފައިން ތިން މަތިންދާބޯޓު ތައްޔާރުކުރިއެވެ. 50 ވަނަ އިންޑިޕެންޑެންޓް ޕެރަޝޫޓް ބްރިގޭޑްގެ ސިފައިންވެސް ތައްޔާރުވިއެވެ. އިންޑިއާ ސިފައިން ރާއްޖޭގެ ޙާލަތު ދެނެގަތުމަށް މަސައްކަތްކުރިއިރު އަނެއްކޮޅުން އެމެރިކާ ވެސް އޮތީ ރައީސް މައުމޫނުގެ އެންގެވުމަށް ތައްޔާރީ ޙާލަތުގައެވެ. އަދި ރައީސްގެ އެދިވަޑައިގަތުމަށް އެމެރިކާއިން އޮތީ އިންޑިއާއަށް އެހީތެރިވުމަށް ނިންމާފައެވެ. ބެކަޕެއްގެ ގޮތުގައެވެ. މަޝްވަރާތަކަށްފަހު، ހުޅުލެއަށް ބޯޓު ޖެއްސުމަށް ނިންމިއެވެ.
ނޮވެމްބަރު 3 ވަނަ ދުވަހު ތިން ބޯޓު އާގްރާއިން ފުރައިގެން ރާއްޖެއާ ދިމާލަށް ދަތުރު ފެށިއިރު ކޮންމެ ބޯޓަކަށް 60 ޓަނުގެ ތެޔޮ އަޅައި، ހަތިޔާރާއި އެހެނިހެން ސާމާނު ބަރުކުރިއެވެ. މިއީ އޮޕަރޭޝަން ކެކްޓަސްގެ ނަމުގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނެކެވެ. އިންޑިއާ ސިފައިންގެ ކޮމާންޑަރުން ރާއްޖޭގެ ހާލަތާ ގުޅޭ ތަފާތު މަޝްވަރާތައް ކުރިއެވެ. އެމެރިކާއިން ދިން ޔަގީންކަމަކީ އިރުއޮއްސޭއިރު އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބޭނެ ކަމެވެ. މި ހުރިހާ ކަމެއް ހިނގީ ރައީސް މައުމޫނުގެ އަވަސް އަދި ޙިކްމަތްތެރި ނިންމެވުމުގެ ސަބަބުންނެވެ.
ރާއްޖެއަށް ނަޞްރު ލިބުމުގައި ފާހަގަކޮށްލެވުނު މުހިންމު ބައެއް ސަބަބުތައް:
ދިވެހި ސިފައިންގެ ދީނާއި ޤައުމަށްޓަކައި ކުރި މަތިވެރި ޖިހާދަކީ އެ ދުވަހުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމެވެ. އޭރުގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގެ ފޮރިން ޕޮލިސީގެ ސަބަބުން ރަޖީވް ޖާންދީގެ ސަރުކާރުގެ އެހީތެރިކަން ވަގުތުން ލިބުމާއި، ރައްޔިތުންގެ ހިތްތަކުގައި ސަރުކާރަށް އޮތް ތާޢީދު، އަދި ދިވެހި ރައްޔިތުންގެ ކެތްތެރިކަމާއި ސިފައިންނަށް ކުރި އިތުބާރަކީ ދުޝްމަނުންގެ ރޭވުންތައް ނާކާމިޔާބުވުމަށް މެދުވެރިވި މުހިންމު ސަބަބުތަކެވެ.
ދުޝްމަނުންގެ ޙަމަލާދޭން ފެށުމާއެކު އެމީހުންގެ ކޮމާންޑަރަކަށް ހުރި ވަސަންތީ ދިވެހި ސިފައިންގެ ޙަމަލާއަކުން މަރުވުމާއި، ދުޝްމަނުން ހަދާފައިވާ ޕްލޭންތައް އެކިއެކި ސަބަބުތަކާއެކު ފޭލްވުމަކީ ތަމަޅައިންނަށް ނާކާމިޔާބު ކުރިމަތިވި މުހިންމު ސަބަބުތަކެވެ.
ނޮވެމްބަރު 3 ގެ ހަނދާން މިއަދު އާކުރާއިރު، ހަނދާންކުރަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ އެ ދުވަހު ދިވެހިރައްޔިތުންގެ މެދުގައި އޮތް އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމުގެ ވަރުގަދަ ރޫޙެވެ. ރައްޔިތުންގެ މެދުގައި އޮތް ޤައުމީ އަދި ދީނީ ލޯބީގެ މަތިވެރިކަމާއި، ދިވެހިންގެ ކުރިމަތީގައި ޤައުމުގެ މިނިވަންކަމުގެ އަގު ބޮޑުކަމުގެ ސަބަބުން، ދުޝްމަނުންނަށް އެމީހުން ބޭނުންވި ގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނެވެ.
ދިވެހި ސިފައިންގެ ހިތްވަރުގަދަކަމާއި ޖެހިލުންކުޑަކަމަކީ އެ ދުވަހު ފާހަގަކޮށްލެވޭ އަނެއް މުހިންމު ކަމެވެ. ދުޝްމަނުންހީކުރި ވަރަށްވުރެ ދިވެހި ސިފައިން ހިތްވަރުގަދަވެފައި ޖެހިލުން ކުޑަވެފައި ހުޝިޔާރުވުމުގެ ސަބަބުން، ދުޝްމަނުންގެ ގިނަ ރޭވުންތައް ނާކާމިޔާބުވެގެން ދިޔައެވެ. ދިވެހި ސިފައިން ދީނާއި ޤައުމަށްޓަކައި ކުރި މަތިވެރި ޖިހާދަކީ އެ ދުވަހުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމެވެ.
ނޮވެމްބަރު 3 ގެ ހާދިސާއިން ލިބޭ އަނެއް މުހިންމު ފިލާވަޅަކީ، ޤައުމީ ސަލާމަތާއި ރައްކާތެރިކަމަށް އަބަދުވެސް ސަމާލުވެ ތިބުމުގެ މުހިންމުކަމެވެ. އެ ދުވަހު ދިމާވި ހާދިސާއަކީ، ކުއްލިއަކަށް ދިމާވި ކަމެއް ނޫނެވެ. އެ ހާދިސާއަށް ރޭވުންތައް ރޭވިފައިވަނީ އެތައް ދުވަހެއްގެ ކުރިންނެވެ. އެހެންކަމުން، މިއަދުވެސް ޤައުމީ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުވެ، އެކަމަށް އިސްކަންދޭން ޖެހެއެވެ.
4 ނޮވެމްބަރު 1988 ވަނަ ދުވަހު ރައީސް މައުމޫން ޤައުމާއި މުޚާޠަބު ކުރައްވައި ރޭޑިއޯ ޚިޠާބެއް ދެއްވަނީ / ފައިލް ފޮޓޯ









