ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ޕާޓީގެ ދާއިރާތަކުގެ މަޤާމުތަކަށް އިންތިޚާބު ކުރުމަށް ވޯޓު ނަގާ ތާރީޚު ބަދަލުކޮށްފިއެވެ.
ޕީއެންސީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ކުރިން 9 ނޮވެމްބަރު 2024 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު، 24 ނޮވެމްބަރު 2024 ވާ ހޮނިހިރު ދުވަހަށް ފަސްކޮށްފައިވާ ކަމަށެވެ.
މި ބަދަލު ގެނެސްފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހާ ގުޅިގެން 10 ނޮވެމްބަރު 2024 ވާ އާދީއްތަ ދުވަސް ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވުމާ ގުޅިގެންނެވެ. އެގޮތުން، އެ ހަފްތާ ބަންދުގައި ގިނަ ބަޔަކު ރަށުން ބޭރަށް ދަތުރުކުރުމަށް ހަމަޖެހިފައިވާތީ، 9 ނޮވެމްބަރު 2024 ވާ ހޮނިހިރު ދުވަހު ވޯޓު ލުމުގައި މެންބަރުންނަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭތީ އިންތިޚާބު ފަސްކުރީ ކަމަށް އެ ޕާޓީން ބުންޏެވެ.
އިޢުލާނުގައި އިތުރަށް ބުނީ، މި ބަދަލު ގެނެސްފައިވަނީ ކެންޑިޑޭޓުންނާއި ޕާޓީގެ ގިނަ ޢަދަދެއްގެ މެންބަރުންގެ އެދުމުގެ މަތިން ކަމަށެވެ. އަދި އިންތިޚާބު ބާއްވަން ޖެހޭ ދާއިރާތަކާއި ރަށްތައް އަދި ކެންޑިޑޭޓުންގެ ނަންތަކާއި ވޯޓު ލެވޭ މީހުންގެ ލިސްޓު 10 ނޮވެމްބަރު 2024 ވާ އާދީއްތަ ދުވަހު އާންމު ކުރާނެ ކަމަށްވެސް އިޢުލާނުގައި ބުނެފައިވެއެވެ.









