އިޓާލިއަން ސީރީ އޭ ލީގުގައި ރޭ އާޖެންޓީނާގެ ފޯވާޑް ޕައުލޯ ޑިބާލާ ކާމިޔާބުކުރި ލަނޑުން 1-0 ގެ ނަތީޖާއިން ޓޮރީނޯ ބަލިކޮށް ރޯމާއިން މުހިންމު މޮޅެއް ހޯދައިފިއެވެ.
އަމިއްލަ ދަނޑު، އޮލިމްޕިކް ސްޓޭޑިއަމްގައި އޭއެސް ރޯމާ މޮޅުވިއިރު މިއީ ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ރޯމާ މޮޅުވި ފުރަތަމަ ފަހަރެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ފުރަތަމަ ހާފުގެ ވިހިވަނަ މިނެޓުގައި ޑިބާލާ ކާމިޔާބުކުރީ ޓޮރީނޯގެ ޑިފެންސުން ހެދި ގޯހެއްގެ ފައިދާ ނަގައިގެންނެވެ.
މި މެޗުން ހޯދި މޮޅާއެކު ރޯމާ ވަނީ މިހާތަނަށް 10 މެޗުން 13 ޕޮއިންޓް ހަމަކޮށް، ލީގު ތާވަލުގެ 10 ވަނައަށް ޖެހިލާފައެވެ. ރޯމާ އެންމެ ފަހުން މޮޅުވެފައިވަނީ މިދިޔަ ސެޕްޓެންބަރު މަހުގައި ވެނެޒިއާ އަތުން 1-2 ގެ ނަތީޖާއަކުންނެވެ.
ރޭ ކުޅުނު އެހެން މެޗުތަކުގެ ތެރެއިން ލާޒިއޯ ވަނީ ރަށުން ބޭރުގައި 5-1 ގެ ނަތީޖާއަކުން ކޯމޯ ބަލިކޮށް، ތާވަލްގެ ފަސްވަނައަށް ޖެހިލާފައެވެ. އަދި ޖެނޯއާގެ ދަނޑުގައި ފިއޮރެންޓީނާ މޮޅުވީ، ފަހު ހާފުގައި ރޮބިން ގޮސެންސް ކާމިޔާބުކުރި ގޯލުންނެވެ. މި މޮޅާއެކު ފިއޮރެންޓީނާ ވަނީ ތާވަލުގެ ހަތަރުވަނައަށް ޖެހިލާފައެވެ.









