މިއަހަރުގެ ތިންވަނަ ކުއާޓަރުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އަށް ލިބުނު އާމްދަނީ %18.02 އިތުރުވެއްޖެއެވެ.
އެމްޓީސީސީން ނެރެފައިވާ މިއަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން، މި ކުއާޓަރުގައި ކުންފުންޏަށް 587.05 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ.
މިއީ މިއަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނު 497.41 މިލިއަން ރުފިޔާއާ އަޅާބަލާއިރު ފާހަގަކުރެވޭ ކުރިއެރުމެކެވެ. މި ކުރިއެރުމާއެކު، ތިންވަނަ ކުއާޓަރުގައި 12.67 މިލިއަން ރުފިޔާގެ ފައިދާއެއް ވެފައިވާއިރު، ދެވަނަ ކުއާޓަރުގައި 20.77 މިލިއަން ރުފިޔާގެ ގެއްލުމެއް ވަނީ ވެފައެވެ.
އެމްޓީސީސީއަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޢިމާރާތްކުރުމާއި ބިން ހިއްކުމުގެ މަސައްކަތްތަކުންނެވެ. މި ދާއިރާއިން ތިންވަނަ ކުއާޓަރުގައި 484.47 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ދެވަނަ ކުއާޓަރާ އަޅާބަލާއިރު %24 އިތުރު ޢަދަދެކެވެ. މީގެއިތުރުން، މުދާ ވިއްކުމުގެ ވިޔަފާރިން 62.97 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
އެމްޓީސީސީން ފާހަގަކުރާ ގޮތުގައި ތިންވަނަ ކުއާޓަރުގައި ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ކޭޝްފްލޯގެ ދަތިތަކެވެ. މިއީ މަޝްރޫޢުތައް ހިންގައިގެން ލިބެންޖެހޭ ފައިސާ ނުލިބި ލަސްވަމުންދާތީ ކުރިމަތިވެފައިވާ ޙާލަތެއްކަމަށް ކުންފުނިން ބުންޏެވެ. އަދި މި މައްސަލައަށް ޙައްލެއް ހޯދުމަށް ކަމާ ގުޅޭ ފަރާތްތަކާއެކު މަސައްކަތްކުރެވެމުންދާ ކަމަށް އެމްޓީސީސީން ބުންޏެވެ.
މިއަހަރުގެ ތިންވަނަ ކުއާޓަރުގައި އެމްޓީސީސީން ވަނީ 191 މަޝްރޫޢެއްގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ. މީގެ ތެރެއިން 8 މަޝްރޫޢެއްގެ މަސައްކަތް އެ ކުއާޓަރުގެ ތެރޭގައި ނިމިފައިވާއިރު އިތުރު 9 އައު މަޝްރޫޢެއްގެ މަސައްކަތް އަލަށް ފަށާފައިވާކަމަށް އެމްޓީސީސީން ބުންޏެވެ.









