ސަރުކާރުގެ އިކޮނޮމިކް ރިފޯމް އެޖެންޑާގެ ދަށުން ޚަރަދު ކުޑަ ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، 31 އޮކްޓޯބަރު 2023 ގެ ނިޔަލަށް 248 ސިޔާސީ މުވައްޒަފުން މަދުކުރެވިފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ މި މަޢުލޫމާތު ހާމަކުރެއްވީ ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުން، 228 ސިޔާސީ މަޤާމު އުވާލުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ހީނާ އިތުރަށް ވިދާޅުވީ، ސިޔާސީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބަލައި، ކުރުންތެރިކަން އިތުރު ކުރުމަށްޓަކައި ސިޔާސީ މުވައްޒަފުންގެ ޕަރފޯމަންސް ބަލާނެ ނިޒާމެއް ޤާއިމްކުރުމަށް ކެބިނެޓުން މިހާރު ނިންމާފައިވާ ކަމަށެވެ. އަދި މި ނިޒާމަށް ވަރަށް އަވަހަށް ޢަމަލު ކުރަން ފަށާނެ ކަމަށްވެސް ހީނާ ވަނީ ވިދާޅުވެފައެވެ.
މިއީ ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ އަދި މާލީ ޙާލަތުން އަރައިގަތުމަށް ރައީސްގެ އިސްނެންގެވުމުގެ މަތިން ދައުލަތުގެ ޚަރަދުތައް ހަމަ މަގަށް އެޅުވުމަށް ނެންގެވި މުހިންމު ފިޔަވަޅެކެވެ.









