ކޮލަންބިއާގެ ކާލީގައި ކުރިއަށްދިޔަ ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވަރސިޓީ (ސީބީޑީ)ގެ 16 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސްގެ ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
އޮކްޓޫބަރު 29 ން 31 އަށް ކުރިއަށްދިޔަ މި ބައްދަލުވުމުގައި ރާއްޖޭގެ ވަފުދުގެ އިސް ވެރިޔާގެ ހައިސިއްޔަތުން މޫސުމަށް އަންނަ ބަދަލުތަކާ، ތިމާވެއްޓާ ހަކަތައާބެހޭ ވަޒީރު، ޠާރިޤް ބައިވެރިވެވަޑައިގެން ތަޤުރީރު ކުރެއްވިއެވެ.
މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެއްޓާ ހަކަތައާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދިންގޮތުގައި، މި ބައްދަލުވުމުގައި ކުރިއަށް އޮތް 17 ވަނަ ކޮންފަރަންސް އޮފް ދަ ޕާޓީސްގެ އޭޝިއާ ޕެސިފިކް ޤައުމުތަކުގެ ބިއުރޯ މެމްބަރަކަށް އަދި ކޮންފަރަންސް އޮފް ދަ ޕާޓީސް ރިޔާސަތުގެ ނައިބަކަށް ރާއްޖެވަނީ ޤައުމުތަކުގެ އިއްތިފާގުން ކަނޑައަޅާފައެވެ. މިއީ ރާއްޖެއަށް ލިބުނު ވަރަށް މުހިންމު ކާމިޔާބީއެއް ކަން ފާހަގަކުރެވެއެވެ.
Advertisement

އެގޮތުން، މި ބައްދަލުވުމުގައި ތިމާވެށީގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކޮށް މުސްތަޤްބަލުގައި ގުޅިގެން ކުރާނޭ މަސައްކަތްތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އަދި ކުންމިން މޮންޓްރިއަލް ގްލޯބަލް ބަޔޯޑައިވަރސިޓީ ފްރޭމްވޯކްގެ ދަށުން ދިރޭތަކެތީގެ ނަސްލު ހިމާޔަތް ކުރުމަށް ޚާއްސަ ފަންޑެއް ޤާއިމުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ތަންފީޒުކުރެވޭނެ ނިޒާމެއް އެކުލަވާލުމަށް ރާއްޖޭން ވަނީ ވަކާލާތުކޮށްފައެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، މިފަދަ ފަންޑަކުން ދިރޭތަކެތީގެ ނަސްލުތަކާއި މާހައުލުތައް ހިމާޔަތް ކުރުމަށް، އަދި މުއާހަދާ ތަންފީޒުކުރުން ވަރުގަދަ ކުރުމަށް ބޭނުންވާ ފައިސާގެ އެހީ އާއި ވަސީލަތްތައް ހޯދުމަށް ރާއްޖެފަދަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް މަގުފަހިވާނެ ކަމަށެވެ.

މީގެ އިތުރުން، މި ބައްދަލުވުމުގައި ތިމާވެށްޓާއި، ދިރޭތަކެއްޗަށް ޚާއްސަ ސަރަހައްދުތައް ކަނޑައަޅާ ތަންފީޒުކުރާނޭ ގޮތްތަކަށްވެސް ވަނީ އެއްބަސްވެފައެވެ. މި އެއްބަސްވުމަށް އާދެވިފައި މިވަނީ ފާއިތުވީ 8 އަހަރު ކޮށްފައިވާ މަޝްވަރާތަކުގެ އަލީގައެވެ. މިހާރުވެސް ރާއްޖޭން ވަނީ މާޅޮސްމަޑުލު ދެކުނުބުރީއާއި އަރިއަތޮޅު އުތުރުބުރީ މަޑިވަރު ސަރަހައްދު އެބްސާގެ ގޮތުގައި ލިސްޓްކޮށްފައެވެ.
ވަޒީރު ޠާރިޤްގެ މި ދަތުރުފުޅުގައި ދިވެހިރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ ގޮންޖެހުންތަކާ ބެހޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ. އަދި މި ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ޕްލެނެޓްގެ ސެޓެލައިޓް ޑޭޓާ ބޭނުންކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމުގެ ހަވާސާގެ ތެރެއިން ތިމާވެށީގެ ދާއިރާއިން ރާއްޖެއަށް އެހީތެރިވެދޭ އެކި ގައުމުތަކާއި ފަރާތްތަކާ ވަޒީރު ޠާރިޤް ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި ރާއްޖޭގެ ތިމާވެށީގެ މައްސަލަތަކަށް އިތުރު ސަމާލުކަމެއް ގެނައުމަށާއި، ބައިނަލްއަޤްވާމީ އެހީތެރިކަން ވަޒީރު ވަނީ މަސައްކަތް ކުރައްވާފައެވެ.
ސީބީޑީގެ 16 ވަނަ ކޮންފަރެންސްގައި ރާއްޖެއަށް ލިބުނު މި ކާމިޔާބީތަކަކީ، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ދެމެހެއްޓެނިވި ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ. ޚާއްޞަކޮށް، ކުރިއަށް އޮތް 17 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސްގައި ރާއްޖެއަށް ލިބުނު މަޤާމުތަކަކީ، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ އަޑު އިތުރަށް އުފުލުމަށް ލިބުނު ފުރުޞަތެއް ކަމުގައި ފާހަގަކުރެވެއެވެ.







