މިހާރު އޮތް ޤާނޫނު އަސާސީގައި ކޮރަޕްޝަން ހުއްޓުވުމަށް ލިޔެފައިވާ މާއްދާތަކަކީ ކަންކުރުމުގެ ނިޔަތެއްނެތި ލިޔެފައި އޮތް މާއްދާތަކެއްކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙުސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ދަޢުލަތުގެ އިދާރާތަކުގެ ކޮރަޕްޝަން ނައްތާލުމަށް ޤާނޫނީގޮތުން ހުރި ގޮންޖެހުންތައް ނައްތާލުމަށް ޤާނޫނަށް އިސްލާހު ހުށައެޅުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވުމާ ގުޅިގެންނެވެ.
ވަޒީރު އިޙުސާން ވިދާޅުވެފައިވަނީ މިހާރު އޮތް ޤާނޫނުލް ޢުޤޫބާތުގައި މިމާއްދާ ލިޔެފައި އޮތީ، މިވާހަކަ ގަދަޔަށް ދައްކާފައި އެއްވެސް މީހެއްގެ މައްޗަށް ދަޢުވާ ނުކުރެވޭ ގޮތަށް ކަމަށާއި، ދަޢުވާކުރިނަމަވެސް ސާބިތު ނުވާގޮތަށް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވަނީ ނުޙައްގު މުއްސަނދިކަން ހޯދުމުގެ މައްސަލަތައް ތަހުޤީޤުކޮށް، ދަޢުވާކުރުމުގައި ހުރި ގޮންޖެހުންތައް ނައްތާލުމަށް ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތަށް އިސްލާހު ގެންނެވުމަށެވެ. މި އިސްލާހު ކުރިއަށް އޮތް ހަފްތާގައި، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވުމަށް އެމަނިކުފާނު ވަނީ ނިންމަވާފައެވެ.
މިހާރުއޮތް ޤާނޫނުގަ މި މާއްދާ ލިޔެފަ އޮތީ މިވާހަކަ ގަދަޔަށް ދައްކާފަ އެއްވެސް މީހެއްގެ މައްޗަށް ދައުވާ ނުކުރެވޭ ގޮތަށް. އަދި ދައުވާކޮށްފިއްޔާ ސާބިތު ނުވާގޮތަށް. އަދި ކަންކުރުމުގެ ނިޔަތް ނެތި ލިޔެފައޮތް މާއްދާއެއް ގޮތަށް. ރައީސް ޑރ. މުއިއްޒު މިގެންނަވަން ނިންމެވި އިސްލާހަކީ… https://t.co/Cleu1Iw1a6
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި އިސްލާހުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ފަނޑިޔާރުން ހިމެނޭގޮތަށް ދަޢުލަތުގެ މުވައްޒަފުންނާއި ދަޢުލަތުގެ މުވައްޒަފެއްގެ މަގާމު އަދާކޮށްފައިވާ ފަރާތްތަކުން ހޯދަމުންދާ ނުވަތަ ހޯދާފައިވާ ނުޙައްގު މުއްސަނދިކަމުގެ މައްސަލަތައް ބެލުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.
ދާޚިލީ ވަޒީރު ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ނިންމެވި އިސްލާހަކީ ދައުލަތް ތެރޭ އޮތް ޒަމާންވީ ކޮރަޕްޝަންގެ މައްސަލަ ހައްލުކުރެވޭނެ އަދި އެނިޔަތާއި އަޒުމް ފެންނަ އިސްލާހެއްކަމަށެވެ.
ސަރުކާރުގެ ފަރާތުން އިސްލާހު ހުށައެޅުއްވުމަށް ނިންމާފައިވަނީ ޤާނޫނުލް ޢުޤޫބާތުގެ 515 ވަނަ މާއްދާއަށެވެ. މިއީ ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށްތައް ކަނޑައަޅާފައިވާ މާއްދާއެވެ.









