ދުނިޔެ އުފެދުނީއްސުރެ އިންސާނުންގެ ދިރިއުޅުމުގައި އެކި ގޮތްގޮތުން މުހިންމު ދައުރެއް އަދާކުރަމުން އަންނަ ބަޔަކީ އަނބިންނެވެ. އިސްލާމްދީނުގައި ވަކި ޝަރުތުތަކެއްގެ މަތިން ހަތަރު އަނބިން އިޚްތިޔާރު ކުރުމުގެ ފުރުސަތު ފިރިހެނުންނަށް ދީފައިވެއެވެ. އެހެންނަމަވެސް މިވާހަކަ ދައްކާލަން ބޭނުންވަނީ އެހެން ބާވަތެއްގެ ހަތަރު އަނބިންނާ ބެހޭ ގޮތުންނެވެ. އެއީ ކޮންމެ އިންސާނެއްގެ ހަޔާތުގައިވެސް ވާ ހަތަރު އަނބިންނެވެ.
އެއްދުވަސްވަރެއްގައި ވަރަށް މުއްސަނދި ރަސްކަލަކު އުޅުނެވެ. މީނާގެ ހަތަރު އަނބިން ތިބެއެވެ. ރަސްގެފާނު އެންމެ ލޯބިވަނީ ހަތަރުވަނަ އަނބި ދެކެއެވެ. މި އަނބިމީހާ އުފަލުގައި ބެހެއްޓުމަށްޓަކައި ރަސްގެފާނު ޖާނާއި މާލުން ޤުރުބާންވަމުން ދިޔައެވެ. އެންމެ ރީތި ހެދުމާއި އެންމެ އަގުބޮޑު ގަހަނާ ހޯދައިދެމުން ދިޔައެވެ. އެންމެ މީރު ކާނާ ދެމުންގެންދިޔައެވެ. އެންމެ ލޯބިވާ އަނބިމީހާ ކަމަށްވާތީ، އެއްވެސް ކަމެއް އުނިވިޔަ ނުދީ، ހުރިހާ ކަމެއް އެންމެ ފުރިހަމައަށް އޭނާއަށް ކޮށްދެމުން ދިޔައެވެ.
ރަސްގެފާނު ތިންވަނަ އަނބިމީހާ ދެކެވެސް ވަރަށް ލޯބިވެއެވެ. އެހެން ރަށްތަކަށް ދަތުރުކުރާއިރު މިއަނބިމީހާ ގޮވައިގެން ދެއެވެ. މި އަނބިމީހާގެ ރީތިކަން އެހެން ރަށްތަކުގެ މީހުންނަށް ދައްކާލުމަށްޓަކައެވެ. އެކަމަކު ރަސްގެފާނުގެ ހިތުގައި އަބަދުވެސް އޮންނަ ބިރަކީ މި އަނބިމީހާ އޭނާ ދޫކޮށް އެހެން މީހެއްގެ ގާތަށް ގޮސްދާނެ ކަމުގެ ބިރެވެ.
Advertisement

ރަސްގެފާނުގެ ދެވަނަ އަނބިމީހާ ދެކެވެސް ރަސްގެފާނު ލޯބިވެއެވެ. އެއީ އަބަދުވެސް ވަރަށް ހިތްހެޔޮ، ރަސްގެފާނަށް ދިމާވާ ކޮންމެ އުނދަގޫ ކަމެއްގައި އެހީތެރިވެދޭ އަނތްބެކެވެ. ރަސްގެފާނަށް ދަތިކަމެއް ނުވަތަ އުނދަގުލެއް ޖެހިއްޖެނަމަ، މި އަނބިމީހާ ގާތަށް ދިއުމަށް ރަސްގެފާނު އަވަސްވެގަނެއެވެ. އަދި މި އަނބިމީހާ ރަސްގެފާނަށް ތަސައްލީ ދެއެވެ.
ރަސްގެފާނުގެ ފުރަތަމަ އަނބިމީހާ އަކީ ވަރަށް ހިތްހެޔޮ، ތެދުވެރި، އިޚްލާޞްތެރި އަނތްބެކެވެ. ރަސްގެފާނުގެ މުއްސަނދިކަމާއި ވެރިކަން ލިބުމުގައި އަދި ދެމެހެއްޓުމުގައި މި އަނބިމީހާގެ އެހީތެރިކަން ރަސްގެފާނަށް ވަރަށް ބޮޑަށް ލިބުނެވެ. ނަމަވެސް ރަސްގެފާނު މި އަނބިމީހާދެކެ އެއްވެސް ވަރަކަށް ލޯތްބެއްނުވެއެވެ. މި އަނބިމީހާ ރަސްގެފާނުދެކެ ކިތަންމެ ލޯބިވީ ކަމުގައިވިޔަސް، ރަސްގެފާނަށް އެއީ އުޅޭ މީހެއްހެން ވެސް ހީނުވެއެވެ.
ދުވަސްތައް ފާއިތުވަމުންގޮސް، ރަސްގެފާނަށް ވަރަށް ބޮޑުބައްޔެއް ޖެހިއްޖެއެވެ. އޭނާގެ އަޖަލުއައިސް ޖެހިއްޖެކަން އޭނާއަށް އިޙްސާސް ވީހިނދު، އޭނާގެ އުފާވެރި، އަރާމު ދިރިއުޅުމާމެދު ވިސްނެމުން ދިޔައެވެ. ހިތަށްއަރަމުން ދިޔައެވެ. "އަހަރެންގެ ހަތަރު އަނބިން އެބަތިއްބެވެ. އެކަމަކު އަހަރެން މަރުވުމުން އޮންނާނީ ހަމަ އެކަނި މާ އެކަންޏެވެ."
ރަސްގެފާނު އޭނާގެ ހަތަރުވަނަ އަނބިމީހާ އަށް ބުންޏެވެ. " އޭ ލޯބިވެރިޔާއެވެ. އަހަރެން އެންމެ ލޯބިވަނީ ކަލާދެކެއެވެ. އަދި އެންމެ ރީތި ފޭރާމައި އެންމެ ބޮޑަށް ލޯބިދިނީ ކަލާއަށެވެ. މިހާރު އަހަންނަށް މިވަނީ ކަލާގެ ބޭނުން އެންމެ ބޮޑަށް ޖެހިފައެވެ. އަހަރެން މި މަރުވަނީއެވެ. ކަލާ އަހަންނާއެކު ދާނަންހެއްޔެވެ؟" އަނބިމީހާ ޖަވާބުގައި ބުންޏެވެ. "ތިކަމެއް ނުވާނެ" މިހެން ބުނެ އިތުރަށް އެތަނުގައި މަޑުވެސް ނުކޮށް މި އަނބިމީހާ ހިނގައްޖެއެވެ. ރަސްގެފާނުގެ ހިތް ކަތިލެވުނު ފަދައެވެ.
ނުހަނު ދެރަވެފައިވާ ޙާލު ރަސްގެފާނު އޭނާގެ ތިންވަނަ އަނބިމީހާ ގާތު ބުންޏެވެ. "އަހަރެންގެ މުޅި ޙަޔާތުގައިވެސް ކަލާދެކެ ލޯބިވީމެވެ. މިހާރު އަހަންނަށް މިވަނީ ކަލާގެ ބޭނުން އެންމެ ބޮޑަށް ޖެހިފައެވެ. އަހަރެން މި މަރުވަނީއެވެ. ކަލާ އަހަންނާއެކު ދާނަންހެއްޔެވެ؟" ތިންވަނަ އަނބިމީހާ ޖަވާބުގައި ބުންޏެވެ. " ނޫން! ދިރިއުޅުން މާ ރަނގަޅު. ކަލޭ މަރުވުމުން އަހަރެން އަލުން އެހެންމީހަކާ ކައިވެނިކުރާނީ..!" ރަސްގެފާނުގެ ހިތް ކުދިކުދި ވީ ކަހަލައެވެ.
އެއަށްފަހު ރަސްގެފާނު އޭނާގެ ދެވަނަ އަނބިމީހާ ގާތު އެހިއެވެ. "އަހަރެން ކަލާ ގާތު އަބަދުވެސް އެހީއަށް އެދެމެވެ. އަދި ކަލާ އަހަންނަށް ނުހަނު އެހީވެދެމުއެވެ. މިހާރު އަހަންނަށް މިވަނީ ކަލާގެ ބޭނުން އެންމެ ބޮޑަށް ޖެހިފައެވެ. އަހަރެން މި މަރުވަނީއެވެ. ކަލާ އަހަންނާއެކު ދާނަންހެއްޔެވެ؟" ދެވަނަ އަނބިމީހާ ބުންޏެވެ. "މާފްކުރޭ! އެކަމަކު އަހަންނަކަށް މިފަހަރަކު އެހީ ވެދެވޭކަށް ނެތް. އަހަންނަށް ކުރެވޭނެހާވެސް ކަމަކީ ކަލާއެކު ކަށްވަޅާ ހަމައަށް ދިއުން.." ރަސްގެފާނު ދެރަވެގެންގޮސް ހަދާނެ ގޮތް ހުސްވިއެވެ.
އެވަގުތު ރަސްގެފާނަށް ބަލިކަށި އަޑެއް އިވުނެވެ. "އަހަރެން ކަލާއާއެކު ދާނަމެވެ. ކޮންމެ ތަނަކަށް ދިޔަސް ދާނަމެވެ." ރަސްގެފާނު ބަލާލިއެވެ. އޭނާއަށް ފެނުނީ އަޅާލުމާއި ލޯބި ނުލިބުމުގެ ސަބަބުން ހިކި އަނަރޫފަވެ، ބަލިކަށި ވެފައިވާ އޭނާގެ އެންމެ ފުރަތަމަ އަނބިމީހާއެވެ. ރަސްގެފާނު ބުންޏެވެ. "އަހަންނަށް ފުރުޞަތު ލިބިފައި އޮތްއިރު ކަލާއަށް އަޅާލެވުނު ނަމަ ހާދަހާވާ ރަގަނޅުވީހެވެ."
ތެދުތެދަށް ބުނާނަމަ، އަހަރެމެން ކޮންމެ މީހެއްގެ ޙަޔާތުގައިވެސް ހަތަރު އަނބިން ވެއެވެ.
ހަތަރުވަނަ އަނތްބަކީ އަހަރެމެންގެ ހަށިގަނޑެވެ. ކިތަންމެ ރަނގަޅު ކާނާއާއި ކިތަންމެ ރަނގަޅު ފޭރާންލިޔަސް، އަދި ހަށިގަނޑު ރީތިކުރުމަށްޓަކައި ކިތަންމެ ބޮޑު ހޭދައެއް ކުރިޔަސް، އަހަރެމެން މަރުވުމުން އެ އަހަރެމެންނާ ވަކިވެގެންދެއެވެ.
ތިންވަނަ އަނތްބަކީ އަހަރެމެންގެ މުދަލެވެ. މަރުވުމުން އެ އެހެން މީހުންގެ އަތްމައްޗަށް ދެއެވެ.
ދެވަނަ އަނތްބަކީ އަހަރެމެންގެ ޢާއިލާ އާއި ރަޙްމަތްތެރިންނެވެ. އަހަރެމެންނަށް ދިމާވާ ހުރިހައި ކަމެއްގައި މި ދުނިޔެމަތީގައި އަހަރެމެންނާއެކު ވީނަމަވެސް، މަރުވުމުން އެމީހުންނަށް އަހަރެމެންނާއެކު އެންމެ ދުރަށްވެސް ދެވޭނީ ކަށްވަޅާ ހަމައަށެވެ.
ފުރަތަމަ އަނތްބަކީ އަހަރެމެންގެ ރޫޙެވެ. ދުނިޔޭގެ ޒީނަތްތެރިކަމާއި، މުދާވެރިކަމާއި މަޤާމުގެ ސަބަބުން، އަހަރެމެންގެ ރޫޙުގެ މަތިން ހަނދުމަނެތި ކޮށްލަމުއެވެ. ނަމަވެސް މަރުވުމުން އަހަރެމެން ކުޅަ ޢަމަލަކާއެކީ އަހަރެމެންނާއެކު ދާނީ އަހަރެމެންގެ ރޫޙެވެ.
މި ވާހަކައިން އަހަރެމެންނަށް ލިބޭ އިބުރަތަކީ، އަހަރެމެންގެ ޙަޔާތުގައި އެންމެ މުހިންމު އަދި އަބަދުވެސް އަހަރެމެންނާއެކު ދެމިހުންނާނެ އެއްޗަކީ އަހަރެމެންގެ ރޫޙުކަމެވެ. އެހެންކަމުން، އަހަރެމެން އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދޭންވާނީ އަހަރެމެންގެ ރޫޙު ރަނގަޅުކޮށް، އެ މުއްސަނދިކުރުމަށެވެ. އެއީ ހެޔޮ ޢަމަލުތައް ކުރުމާއި، އަޅުކަން ކުރުމާއި، އަދި އެހެން މީހުންނަށް އެހީތެރިވުމުގެ ތެރެއިންނެވެ.
ވީއިރު، ލިބިފައި މިވާ ރަނުގެ ފުރުޞަތުގައި އަހަރެމެންގެ ރޫޙް މުއްސަނދި ކުރުމަށް މަސައްކަތްކުރަމާތޯއެވެ. އަހަރެމެންގެ ހަށިގަނޑާއި، މުދަލާއި، އަދި ޢާއިލާއަށްވެސް އަޅާލަންވާނެއެވެ. އެހެނަސް، އެންމެ އިސްކަމެއް ދޭންވާނީ އަހަރެމެންގެ ރޫޙަށެވެ. އެއީ އާޚިރަތުގައި އަހަރެމެންނާއެކު ދެމިހުންނާނީ އެ އެކަންޏެވެ.







