ބަޔޯސްފިއަރ ރިޒާވްތަކާއި ނޭޗަރ ޕާރކްތައް ގާއިމުކުރުމަކީ ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު ޠާރިޤް މިހެން ވިދާޅުވީ ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވަރސިޓީގެ 16 ވަނަ ކޮންފަރަންސް އޮފް ދަ ޕާޓީސްގެ ހައި ލެވެލް ސެގްމަންޓްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ ރާއްޖޭގައި އިތުރު ބަޔޯސްފިއަރ ރިޒާވްތަކާއި ނޭޗަރ ޕާރކްތައް ގާއިމްކުރެވުމުން މި ސަރަހައްދުގައި ދިރޭތަކެތީގެ ނަސްލުތަކަށް ރައްކާތެރި މާހައުލެއް ގާއިމުވެ، އެ ތަންތަނުގައި ދިރިއުޅޭ ދިރޭތަކެތީގެ ނަސްލުތައް ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކުރެވޭނެކަމަށެވެ. އަދި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް މިފަދަ މަސައްކަތްތައް ކުރުމުގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިވާކަމަށް ފާހަގަކުރެއްވިއެވެ.
Advertisement

ވަޒީރު އިތުރަށް ވިދާޅުވީ މާލީ ވަސީލަތްތަކުގެ ދަތިކަމާއި، ފަންނީ ގާބިލުކަމުގެ ދަތިކަން ފާހަގަކުރެވޭކަމަށާއި އެހެންކަމުން، މި ފަދަ ގައުމުތަކަށް ބައިނަލްއަގްވާމީ އެހީތެރިކަން ފޯރުކޮށްދިނުމަކީ މުހިންމު ކަމެއްކަމަށެވެ.
ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވަރސިޓީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި، ހުރިހާ ގައުމުތަކުން އެކުގައި މަސައްކަތްކުރުމަކީ ކޮންމެހެން މުހިންމު ކަމެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ތަރައްގީވެފައިވާ ގައުމުތަކުން ތަރައްގީވަމުން އަންނަ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދީ، އެކުގައި މަސައްކަތްކުރުމަކީ ދުނިޔޭގެ ދިރޭތަކެތީގެ ނަސްލުތައް ރައްކާތެރިކޮށް ހިމާޔަތްކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވަރސިޓީއަކީ ދުނިޔޭގެ ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް މަސައްކަތްކުރާ އެންމެ މުހިންމު އެއް މުއާހަދާއެވެ. މި މުއާހަދާގެ ދަށުން ބޭއްވޭ ބައްދަލުވުންތަކުގައި މުއާހަދާ ތަންފީޒުކުރަމުންދާ ގޮތް ރިވިއުކޮށް، ބައިނަލްއަގްވާމީ ގޮތުން ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތްކުރުމަށް ކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވެއެވެ.







