ދައުލަތުގެ އިދާރާތަކުގައި އަށަގެންފައިވާ ކޮރަޕްޝަނާއި ނުޙައްޤު މުއްސަނދިކަން ހޯދުމުގެ މައްސަލަތައް ތަޙްޤީޤުކޮށް، އެފަރާތްތައް ހޯދައި ދެނެގަނެ، އަދި ދަޢުވާކުރުމަށް ހުރި ގޮންޖެހުންތައް ނައްތާލުމަށްޓަކައި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އިޞްލާޙުތަކެއް ގެނައުމަށް ސަރުކާރުން ވަނީ ނިންމައިފައި ކަމަށާއި މި އިޞްލާޙުތައް މިފެށޭ ހަފުތާގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
"ދައުލަތުގެ އިދާރާތަކުގެ ތެރޭގައި އަށަގެންފައިވާ ކޮރަޕްޝަނާއި ނުހައްގު މުއްސަދިކަން ހޯދުމުގެ މައްސަލަތައް ތަހްގީގުކޮށް، ދަޢުވާކުރުމަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް ގެންނަންޖެހޭ އިސްލާހުތައް މިފެށޭ ހަފްތާގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުމަށްވާނީ ނިންމާފައި.
އެގޮތުން، ޤާނޫނުލްޢުޤޫބާތުގެ 515 ވަނަ މާއްދާއަށް ގެނެވޭ އިސްލާހުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ފަނޑިޔާރުން ހިމެނޭގޮތުން، ދައުލަތުގެ މުވައްޒަފުންނާއި ދައުލަތުގެ މުވައްޒަފެއްގެ މަޤާމު އަދާކޮށްފައިވާ ފަރާތްތަކުން ހޯދަމުންދާ ނުވަތަ ހޯދާފައިވާ ނުޙައްޤު މުއްސަނދިކަމުގެ މައްސަލަތައް ބެލުމަށް ފަސޭހަވެގެންދާނެ." ރައީސް ކުރެއްވި އެކްސްގައި ވެއެވެ.
މި އިޞްލާޙުގެ ދަށުން، މިހާރު މަޤާމުގައި ތިބި ދައުލަތުގެ މުވައްޒަފުންގެ މައްސަލަތައް ތަޙްޤީޤުކުރެވޭނެއެވެ. ނަމަވެސް ކުރިން މަޤާމު އަދާކޮށްފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤު ކުރުމަށް އިތުރު ފަސޭހަކަމެއް ލިބޭނެތޯ ނުވަތަ ނޫންތޯ ސަރުކާރުން އަދި ނުބުނެއެވެ.
މިއީ ކޮރަޕްޝަން ހުއްޓުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ވާއިރު، ކޮރަޕްޝަނުގެ މައްސަލަތަކުގެ ތުހުމަތުގައި ޕާސްޕޯޓް ހިފަހައްޓާފައިވާ ފަރާތްތައް މިހާރުވެސް އެބަތިބިކަން ފާހަގަ ކުރެވެއެވެ.









