ދުންފަތާއި ދުންފަތުގެ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމަށް ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި އިޞްލާޙް މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މި އިޞްލާޙް ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި 71 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ހުށަހެޅުއްވި މި އިޞްލާޙްގައި ހިމެނެނީ ސިނގިރޭޓާއި ބިޑީގެ އިތުރުން އީ-ސިނގިރޭޓާއި ވޭޕްގައި ބޭނުންކުރާ ފްލޭވާ އަދި ކެމިކަލް ފަދަ ތަކެތިން ނަގާ ޑިއުޓީ ބޮޑުކުރުމެވެ. މި އިޞްލާޙްގެ ދަށުން، އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ސިނގިރޭޓާއި ބިޑިން 50 ޕަސެންޓް އަދި ކޮންމެ ސިނގިރޭޓަކާއި ބިޑިއަކުން 8 ރުފިޔާގެ ޑިއުޓީ ނެގޭނެއެވެ.
އީ-ސިނގިރޭޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކަށް 200 ޕަސެންޓުގެ ޑިއުޓީ ނެގުމަށްވެސް މި އިޞްލާޙްގައި ހިމެނިފައިވެއެވެ. މި ބަދަލުތަކުގެ ސަބަބުން އަންނަ އަހަރު އިތުރު 1.05 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެކަމަށް ލަފާކުރެވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، އަންނަ މަހުގެ 15 ވަނަ ދުވަހުގެ ފަހުން ރާއްޖެއަށް ވޭޕާއި އީ-ސިނގިރޭޓު އަދި އެއާގުޅޭ ބާވަތްތައް އެތެރެކުރުން މަނާވާނެއެވެ. މި އިސްލާހަށް އަމަލުކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގު ކުރެއްވުމުންނެވެ.









