ލުބުނާނުގެ ދެކުނުގެ ޒެފްޓާ ޓައުންގައި އިސްރާއީލުން އެމްބިއުލާންސަކަށް އަމާޒުކޮށްގެން ގަސްދުގައި ދިން ހަމަލާއެއްގެ ސަބަބުން ޕެރަމެޑިކަކު މަރާލައި އިތުރު ދެމީހަކު ޒަހަމްވެފައިވާކަން ލުބުނާނުގެ ހެލްތު މިނިސްޓްރީން މިއަދު ބުނެފިއެވެ.
ލުބުނާނުގެ ހެލްތު މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޒެފްޓާ ޓައުންގައި ޕެރަމެޑިކް މަރާލުމާއެކު، އަނިޔާވެރިކަން ފެށުނު ފަހުން މަރާލި ޕެރެމެޑިކްސްގެ ޖުމްލަ އަދަދު 173 އަށް އަރާފައިވާ ކަމަށާއި ޒަޚަމްވި މީހުންގެ އަދަދު 277 އަށް އަރާފައިވާ ކަމަށެވެ. މީގެ އިތުރުންް، އިސްރާއީލުން ޓާގެޓްކޮށްގެން ދީފައިވާ ޙަމަލާތަކުގައި 243 އުޅަނދު ހަލާކުވެފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
ޕެރަމެޑިކަކީ ޢާންމުކޮށް ހޮސްޕިޓަލްތަކުން ބޭރުގައި ކުއްލި ހާލަތްތަކުގައި އަނިޔާވެފައިވާ ނުވަތަ ބަލިވެ އުޅޭ މީހުންނަށް އެޑްވާންސް އިމަޖެންސީ ޞިއްޙީ ފަރުވާ ދިނުމަށް ޙަރަކާތްތެރިވާ މީހުންނެވެ. އަނިޔާވެ ނޭވާނުލާނަމަ ސީޕީއާރު ދިނުމާއި، އައިވީ ގުޅުމާއި، ބޭސް ދިނުންފަދަ ކަންތައް ކުރާ މި މުހިންމު މީހުން އިސްރާއީލުން މަރަމުންދާއިރު މިއީ ހަނގުރާމައިގެ ޖަރީމާގެ ގޮތުގައި ބެލޭނެ ކަންތަކެވެ.








