އިސްރާއީލުން ޣައްޒާގައި އަންރުވާގެ ޙަރަކާތްތައް މަނާކުރުމަށް ނިންމުމާ ގުޅިގެން، ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުން އެއްކޮށް ހުއްޓިދާނެކަމަށް އދ އިން ބުނެފިއެވެ.
ޖެނީވާގައި ހުންނަ އދގެ ހިއުމަން ރައިޓްސް އޮފީހުގެ ތަރުޖަމާނު ޖެރެމީ ލޯރެންސް ވިދާޅުވީ، އިސްރާއީލުގެ މި ނިންމުމުގެ ސަބަބުން ޣައްޒާގެ ރައްޔިތުންނަށް ފޯރުކޮށްދޭ ކާބޯތަކެއްޗާއި ތަޢުލީމާއި ޞިއްޙީ ޚިދުމަތްތަކުގެ އިތުރުން އެހެނިހެން ޒަރޫރީ ބޭނުންތައް ފުއްދައިދިނުން އެއްކޮށް ހުއްޓިގެންދާނެ ކަމަށެވެ.
އަންރުވާއަކީ ޣައްޒާއަށް އެހީ ފޯރުކޮށްދޭ މައި ޖަމްޢިއްޔާ ކަމަށްވާއިރު، މި ޖަމްޢިއްޔާ މަނާކުރުމުން ވަރަށް ބޮޑެތި ނޭދެވޭ ނަތީޖާތަކެއް ނުކުންނާނެކަމަށް އދގެ އިންސާނީ ޙައްޤުތަކާބެހޭ ވެރިޔާ ވޯލްކަރ ޓާކް ވަނީ ވިދާޅުވެފައެވެ. އަދި މިހާރުވެސް ޣައްޒާގައި ހިނގަމުންދާ އުދުވާނުގެ ސަބަބުން ޣައްޒާގެ ރައްޔިތުން ތިބި ޙާލަތަށްވުރެ ދިރިއުޅުމުގެ ފެންވަރު އިތުރަށް ދަށަށް ދާނެކަމަށްވެސް އދ އިން ވަނީ ބުނެފައެވެ.
އިސްރާއީލުގެ މި ނިންމުމާ ގުޅިގެން އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސްވެސް ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. އަދި އދގެ އެކި ޖަމްޢިއްޔާތަކުގެ އިތުރުން ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ގިނަ ޖަމާޢަތްތަކުން މިކަން ކުށްވެރިކޮށް، ދުނިޔޭގެ ފާޑުކިޔުން އިސްރާއީލަށް އަމާޒުވަމުންދާކަން ފާހަގަކުރެވެއެވެ.









