ކ. ކާށިދޫގައި މަސައްކަތް ކުރަމުން ދިޔަ ފުލުހެއް ކަމަށްވާ އާދަމް ހަލީމް ޑިއުޓީއަށް ދަނިކޮށް ވަޅިން ހަމަލާދީ މަރާލި މައްސަލަ އަލުން ބަލަން ސުޕްރީމް ކޯޓުން އަމުރުކުރުމުން، އެމައްސަލަ އަލުން ބަލަން ތާވަލު ކޮށްފިއެވެ.
އާދަމް ހަލީމް މަރާލާފައިވަނީ 2012 ވަނަ އަހަރުގެ ޖުލައި 23 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މި މައްސަލައިގައި ދައުލަތުން ދަޢުވާ އުފުލާފައިވަނީ ކ. ކާށިދޫ ސުވާސާގެ މުޙައްމަދު ސަމާޙްގެ މައްޗަށެވެ. ސަމާޙްގެ މައްޗަށް ދައުލަތުން އުފުލީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއެވެ.
ކްރިމިނަލް ކޯޓުން 2013 ވަނަ އަހަރުގެ ޖެނުއަރީ 14 ވަނަ ދުވަހު ސަމާޙްގެ މައްޗަށް މަރުގެ ޙުކުމް ކުރިއެވެ. މި ޙުކުމަށް ހައިކޯޓުން ތާއީދުކުރީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު 30 ވަނަ ދުވަހުއެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ މި ދެ ޙުކުމް ބާޠިލުކޮށް، މައްސަލަ އަލުން ބެލުމަށް އަމުރުކޮށްފައެވެ.
ސުޕްރީމް ކޯޓުގެ ޙުކުމުގައި ފަނޑިޔާރު ޙުސްނުއްސުޢޫދު ވިދާޅުވެފައިވަނީ، މީހަކު މެރި މީހަކު ކުށަށް އެއްބަސްވި ނަމަވެސް ޝަރީޢަތުން އެ މައްސަލައިގައި ނިންމުމެއް ނިންމަންވާނީ ދަޢުވާ ލިބޭ މީހާގެ ވާހަކަތައްވެސް އަޑުއެހުމަށްފަހު ޝައްކެއް ނެތް މިންވަރަށް ކަންކަން ކަށަވަރުކުރުމަށްފަހު ކަމަށެވެ. އަދި ސަމާޙް ހަމަލާދިން ކަމަށް އެއްބަސްވި ނަމަވެސް، އެއީ ގަސްދުގައި މީހަކު މެރުމުގެ ނިޔަތުގައި ދީފައިވާ ހަމަލާއެއް ނޫން ކަމަށް އޭނާ ބުނެފައިވާކަން ފާހަގަކުރެއްވިއެވެ.
ސުޕްރީމް ކޯޓުން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސަމާޙް ކުށަށް އިޢުތިރާފްވުމާ އެކު ފުލުހުން އޭނާއާ ދެކޮޅަށް ހެކި ހޯދަން މަސައްކަތް ކޮށްފައެއް ނުވެއެވެ. އަދި ކުށަށް އިޢުތިރާފްވުމަށްފަހު އޭނާ ފަހުން އެ އިޢުތިރާފް އަނބުރާ ގެންދިޔައިރު، ހެއްކެއް ނެތި އިޢުތިރާފްގެ ބަޔާން ބައިބައިކޮށްގެން ކުށް ސާބިތު ނުކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
މި މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް އަމުރުކުރުމަށް މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ކަމަށް ސުޕްރީމް ކޯޓުގެ ޙުކުމުގައި ބަޔާންކޮށްފައިވެއެވެ.









