ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސައްކަތް ކުރާނީ ނޫސްވެރިންނާ ގުޅިގެން، ހާމަކަން ބޮޑުކޮށްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވުނު މީޑިއާ ކައުންސިލްގެ 11 ވަނަ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ނޫސްވެރިން ބާރުވެރިކުރުވައި ކުރިއެރުވުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ނޫސްވެރިންނާ ވަރަށް ގާތުން މަސައްކަތް ކުރައްވާ ރައީސެއް. އެމަނިކުފާނުގެ ކެބިނެޓާއި އެމަނިކުފާނުވެސް ނޫސްވެރިންނާ ބައްދަލުކުރައްވަމުން ގެންދަވާކަން އަޅުގަނޑު ނުހަނު އުފަލާއެކު ފާހަގަކުރަން," ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަން ސަރުކާރުން އިންތިހާއަށް ފަހިކޮށްދީފައިވާއިރު، ރާއްޖޭގެ ނޫސްވެރިން ޙާޞިލްކޮށްފައިވާ ކުރިއެރުންތަކާއި ކާމިޔާބީތައް ގިނަކަމަށެވެ. އަދި ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ޒުވާނުން ފެންނަމުންދާކަމީ އުފާކުރައްވާ ކަމެއްކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް، ނައިބު ރައީސް ވަނީ ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި ނޫސްވެރިން ސަމާލުކަން ދޭންޖެހޭކަމަށް ވިދާޅުވެ، ސައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމާއި ހައްސާސް ކަންތައްތަކުގައި ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށާއި އިންސާނީ ކަރާމާތް ގެއްލޭ ގޮތަށް ދޮގު މަޢުލޫމާތު ނުފެތުރުމަށް ނޫސްވެރިންނަށް އިލްތިމާސް ކުރައްވާފައެވެ.

މި ހަފްލާގައި ނައިބު ރައީސް ވަނީ ނޫސްވެރިކަމުގެ އިނާމު ހާސިލުކުރި ބައެއް ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވާފައެވެ.