ސިނގިރޭޓާއި ވޭޕުން ނަގާ ޑިއުޓީ ބޮޑުކުރުމަށް އިމްޕޯޓު އެކްސްޕޯޓު ޤާނޫނަށް ސަރުކާރުން ހުށަހެޅި އިޞްލާޙު އިތުރު ދެ އިޞްލާޙަކާއެކު މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މި ބިލު ފާސްކޮށްފައިވަނީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ހުށަހެޅުއްވި ދެ އިސްލާހާއެކުއެވެ.
މެންބަރު ފަލާހު ހުށަހެޅުއްވި އިސްލާހު:
- ރޯކުރުމުކާ ނުލައި ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދާފައިވާ ދުންފަތުގެ އުފެއްދުންތަކުން %50 އަދި ސްޓިކް އަކުން 8 ރުފިޔާ ނެގުމަށް
- ކަރަންޓު މެޝިނަރީއާއި ސާމާނާއި ގުޅޭ ބައިތައް، އަޑު ރެކޯޑު ކުރާ ތަކެއްޗާއި އަޑު ބޭރު ކުރާ ތަކެއްޗާއި ޓެލެވިޝަންގެ ފޮޓޯއާއި އަޑު ރެކޯޑުކޮށް ބޭރު ކުރާ ތަކެއްޗާއި މި އެއްޗިއްސާ ގުޅޭ އިތުރު ބައިތައް، ޓޮބޭކޯ ހީޓިން ޑިވައިސަސްގެ ބައިތައް %200 އަށް ހެދުން
ދެ އިޞްލާޙަށްވެސް ތާޢީދުކުރައްވާފައިވަނީ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުއެވެ. މަޖިލީހުގެ ކޮމިޓީން މި އިޞްލާހު ފާސްވީ ވޯޓުގައި ބައިވެެރިވި 69 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ވަކި ގޮތަކަށް ވޯޓުނުދެއްވާ ދެ މެންބަރުން ތިއްބެވިއެވެ.
މި އިޞްލާޙުގެ ދަށުން ކޮންމެ ސިނގިރޭޓަކާއި ބިޑިއަކުން 8 ރުފިޔާގެ ޑިއުޓީ ނެގޭނެއެވެ. އަދި ވޭޕްފަދަ ތަކެއްޗަށް އަޅާ ފްލޭވާތަކުން ކޮންމެ މިލިލީޓަރަކަށް 8 ރުފިޔާގެޔާގެ މަގުން ޑިއުޓީ ނެގޭނެއެވެ. މީގެއިތުރުން، ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދާފައިވާ ދުންފަތުގެ އުފެއްދުންތަކުން 50 ޕަސެންޓް އަދި ސްޓިކަކުން 8 ރުފިޔާ ނެގުމަށް ވަނީ ފާސްކޮށްފައެވެ.
މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީއާއި މާލިއްޔަތު ކޮމިޓީގެ ގުޅިފައިވާ ސަބްކޮމިޓީން ދިރާސާކުރުމަށްފަހު ނިންމި ގޮތުގެ ރިޕޯޓު މުޅި މަޖިލީހުގެ ކޮމިޓީއަށް ހުށަހެޅުމުން، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ހުށަހެޅުއްވި ދެ އިޞްލާހާއެކު މި ބިލު ފާސްކޮށްފައިވަނީ 68 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
ސަރުކާރުން ވަނީ 15 ނޮވެންބަރު 2024 އިން ފެށިގެން ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ރާއްޖެއަށް އެތެރުކުރުން މަނާކުރުމަށް ނިންމާފައެވެ. އަދި 15 ޑިސެންބަރު 2024 އިން ފެށިގެން ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، އިޝްތިހާރުކުރުމާއި ހިލޭ ބެހުންވެސް މަނާކުރުމަށް ނިންމާފައިވެއެވެ.









