އިސްރާއީލުގެ ޤާނޫނު ހަދާ މަޖިލީހުން އދ ގެ އެހީ ފޯރުކޮށްދޭ ބައިނަލް އަޤްވާމީ ޖަމާޢަތް ކަމަށްވާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ އާއިމެދު ފިޔަވަޅު އަޅައި އެއީ އިސްރާއީލުގައި މަނާ ޖަމާޢަތެއް ކަމަށް ކަނޑައެޅުމުން ޕާކިސްތާނުން އެކަން ވަރަށް ބޮޑަށް ކުށްވެރި ކޮށްފިއެވެ.
ޕާކިސްތާނަކީ އަބަދުވެސް އިސްރާއީލާއި ދެކޮޅު ޤައުމެކެވެ. ޕާކިސްތާނާއި އިސްރާއީލާ ދެމެދު ތާރީޚީ ގޮތުން ގުޅުން ގޯސްވެފައިވަނީ ޖިއޮޕޮލިޓިކަލް، ދީނީ އަދި ފިކުރީ ތަފާތުތަކުގެ ސަބަބުންނެވެ. އިސްރާއީލަކީ ދައުލަތެއްގެ ގޮތުގައި ބަލައިނުގަނެ، ހިފާފައިވާ ސަރަޙައްދުތަކުގެ މައްޗަށް ފަލަސްތީނުން ކުރާ މަސައްކަތްތަކަށް ޕާކިސްތާނު އަބަދުވެސް ތާޢީދުކުރެއެވެ. މީގެ އިތުރުން ޕާކިސްތާނުގައި ދާޚިލީ ޝުޢޫރަކީ ބޮޑުތަނުން ފަލަސްތީނަށް ތާއީދުކުރާ ޝުޢޫރެއް ކަމުން އިސްރާއީލާ ގުޅުން ޤާއިމްކުރުމާ ދެކޮޅަށް ޕާކިސްތާނުގެ ޑިޕްލޮމެޓިކް ސްޓޭންޑަށް ނުފޫޒު ފޯރުވައެވެ. ދޭތެރެ ދޭތެރެއިން ނުރަސްމީ މަޝްވަރާތައް ކުރިއަށް ގެންދިޔަ ނަމަވެސް، މި މައިގަނޑު ތަފާތުތަކުގެ ސަބަބުން ރަސްމީ ގުޅުމެއް ޕާކިސްތާނާއި އިސްރާއީލާއި ދެމެދު ނޯވެއެވެ.
ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޔޫއެންއާރުޑަބްލިއުއޭގެ ހަރަކާތްތައް ހުއްޓުވުމަށް އިސްރާއީލުން އެންމެ ފަހުން ކުރި މަސައްކަތް ޕާކިސްތާނުން ކުށްވެރިކުރާ ކަަމަށެވެ. ބަޔާނުގައި ބުނެފައިވަނީ މި ފިޔަވަޅާއެކު އިސްރާއީލުން އަނެއްކާވެސް ބައިނަލްއަޤްވާމީ ޤާނޫނާއި އދ.ގެ އެންގުންތަކަށް އިޙްތިރާމް ނުކުރާކަން ދޭހަވާ ކަމަށެވެ.
ބައިނަލް އަޤްވާމީ މުޖުތަމައު، ޚާއްޞަކޮށް ސަލާމަތީ މަޖިލީހުން އިސްރާއީލުގެ ޢަމަލުތަކަށް ޖަވާބުދާރީވާން ޖެހޭ ކަމަށާއި، ޔޫއެންއާރުޑަބްލިއުއޭގެ ހަރަކާތްތަކަށް ހުރަސް އަޅައިގެން ނުވާނެ ކަމަށް ވެސް އެބަޔާނުގައި ވެއެވެ.
ޣައްޒާގައި ތިބި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ނަސްލު ނައްތާލުމުގެ ކެމްޕޭން ނިމުމަކަށް ގެނައުމަށް ބައިނަލްއަގްވާމީ މުޖުތަމައު ވެސް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
އަދި ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމް ނުކޮށް މި ސަރަހައްދުގައި ދެމެހެއްޓެނިވި ޞުލްޙައެއް ޤާއިމް ނުކުރެވޭނެ ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.
ޕާކިސްތާނުގެ ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި އެޤައުމުގެ އޮފިޝަލަކު ވިދާޅުވީ ޤާނޫނީ ގޮތުން އަންރުވާ މަނާ ނުކުރެވޭނެ ކަމަށާއި، އަންރުވާ އަކީ ޓެރަރިޒަމާއި ގުޅުންހުރި އެއްވެސް ކަމެއްގައި ޙަރަކާތްތެރިވާ ޖަމިއްޔާއެއް ނޫންކަމަށެވެ. އޭނާ އިތުރަށް ފާހަގަކުރި ގޮތުގައި އިސްރާއީލުން އަންރުވާ މަނާކުރީ އެމީހުން ޤަބޫލުކުރާ ޓެރަރިސްޓު ބައެއްގެ ހިޔާވަހި ކަމުގެ ދަށުގައި ތިބި ބަޔަކަށް އަންރުވާއިން އެހީ ފޯރުކޮށްދޭތީއެވެ. އޭނާ މާނަކުރީ ޙަމާސްގެ ދަށުގައިވާ މުސްލިމު ރައްޔިތުންނަށެވެ.









