ޤަވާޢިދާއި އެއްގޮތަށް ބިދޭސީންގެ ވިސާގެ ކަންކަން ފުރިހަމަ ކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެ އިއްޔެ އެކަނިވެސް 1069 ވޯކް ވިސާ ދޫކޮށްފި ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން ބުނީ އިއްޔެއަކީ އެ އިދާރާގެ ތާރީޚުގައި އެއްދުވަހުން އެންމެ ގިނައިން ވޯކް ވިސާ ދޫކުރި ދުވަސް ކަމަށާއި އިއްޔެއިން ފެށިގެން ވޯކް ވިސާއަށް އެދި ޕާސްޕޯޓު ހުށަހެޅުމުޅުމުގައި އައު އުޞޫލެއް ތަޢާރަފުކޮށްފައިވާ ކަމަށެވެ. އެގޮތުން ވޯކް ވިސާއަށް އެދޭ ފަރާތްތަކުން އެޕޮއިންޓްމަންޓް މެދުވެރިކޮށް ހުށަހަޅާއިރު "އެންޓް ކިއު" މެދުވެރިކޮށް ޓޯކަނެއް ނަގަންޖެހޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. ޓޯކަން ދޫކުރާނީ ހެނދުނު 8:30 އިން 11:00 އަށް ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.
މިއާއެކު، ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަޝްރަފް މުޙައްމަދު ޢަލީ ވިދާޅުވެފައިވަނީ ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން "އޮޕަރޭޝަން ކުރަނގި" ގެ ދަށުން ކުރެވޭ މަސައްކަތްތަކުން އެންމެ ފާހަގަކުރެވޭ އެއް ކަމަކީ ގިނަ ބިދޭސީން "ފްރީ ވިސާ" ގައި ރާއްޖެ އައިސް މަސައްކަތްކުރަމުންދާ ކަމަށެވެ.
"މަޢުލޫމާތު ނަގާއިރު ނަމާއި ޤައުމު އޮޅުންފިލުވާއިރު، ވަރަށް ގިނަ ފަރާތްތަކުގެ ޖަވާބެއް އެއީ ފްރީ ވިސާގައި ކަމަށް. ފްރީ ވިސާއޭ ނުވަތަ އޯޕަންވިސާއޭ. ވަރަށް ބޮޑު ގްރޫޕެއް އެބައުޅޭ ޒިންމާވާނެ ފަރާތެއްނެތި. ރާއްޖޭގެ ޤާނޫނާއި ޤަވަޢިދުގައި ދެނެގަންނަ ޓާމެއް ނޫން މިއީކީ،" އަޝްރަފް ވިދާޅުވިއެވެ.









