މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު މަހުގެ ސްޓޯރޭޖް ކެޕޭސިޓީ 25،000 ޓަނަށް ވުރެ އިތުރުކުރާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ޖަލްސާގައި މަސްވެރި ސިނާއަތުގެ އެންމެ ބޮޑު ގޮންޖެހުމަކީ ސްޓޯރޭޖް ކެޕޭސިޓީ ނެތުން ކަމަށް ޝިޔާމް ފާހަގަކުރެއްވިއެވެ. އަދި މި ދާއިރާ ތަރައްޤީކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށާއި މިހާރު ރާއްޖޭގައި މަސް ސްޓޯކުރުމުގެ ކެޕޭސިޓީއަކީ 8،500 ޓަނު ކަމަށް ޝިޔާމް ވިދާޅުވިއެވެ.
މިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙުގެ ސަރުކާރުން ވަނީ މަހުގެ އަގު 17ރ. އިން 25ރ. އަށް ބޮޑު ކޮށްފައެވެ. ނަމަވެސް ދައުލަތުން މާލީ ގޮތުން އުފުލަން ޖެހޭ ބުރަ ބޮޑުވުމުގެ ސަބަބުން މަހުގެ އަގު މި ސަރުކާރުން ވަނީ ކުޑަކޮށްފައިވެއެވެ.
އެކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ މިދިޔަ ސަރުކާރުން މަހުގެ އަގަށް ބަދަލު ގެނައީ އިންތިޚާބުތެރޭ އެއްވެސް ކަހަލަ ދިރާސާއެއް ކުރުމެއް ނެތި ކަމަށެވެ. އަދި މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު މަސްވެރިންނަށް ނުދީ ބެކްލޮގްގައި 250 މިލިއަން ރުފިޔާގެ ފައިސާ ހުރި ކަަމަށް ވިދާޅުވިއެވެ.
މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ޝިޔާމް ވިދާޅުވީވީ، މަސްވެރިންނަށް 48 ގަޑިއިރު ތެރޭ ފައިސާ ދިނުމުގެ ވައުދު ފުއްދުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށާއި އަދި މިދިޔަ ސަރުކާރުން މަސްވެރިންނަށް ނުދީ ހުރި 250 މިލިއަން ރުފިޔާ މިހާރު ދައްކާ ނިމިފައިވާ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.









