ރާއްޖެއިން ސައުދީ އަރަބިޔާއަށް ކަނޑައަޅާ ސަފީރަކަށް އަހުމަދު ސަރީރު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ރާއްޖެއިން ސައުދީ އަރަބިޔާއަށް ކަނޑައަޅާ ސަފީރަކަށް ސަރީރު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފައިވަނީ 86 މެމްބަރުންގެ އިއްތިފާގުންނެވެ.
އެ މަޤާމަށް ސަރީރުގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުވުމުން ޚާރިޖީ ކޮމިޓީން ވަނީ އެ މައްސަލަ ދިރާސާކޮށްފައެވެ. އަދި ކޮމިޓީން އެ މައްސަލަ ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު އެ ކޮމިޓީގެ މުގައްރިރު، މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ވަނީ މަޖިލީހަށް ހުށަހަޅައިދީފައެވެ.
ޒަރީރު ވިދާޅުވީ ސައުދީ ސަފީރުކަމަށް ސަރީރު ޝަރުތުހަމަވޭތޯ ކަށަވަރުކުރުމަށްޓަކައި ރައީސް އޮފީހާއި ފޮރިން މިނިސްޓްރީއާއި އިލެކްޝަންސް ކޮމިޝަނާއި ކަރެކްޝަނަލް ސަރވިސް އަދި ޑިޕާޓްމަންޓް އޮފް ޖުޑިޝަރީ އެންޑް އެޑްމިނިސްޓްރޭޝަން އިން މަޢުލޫމާތު ސާފުކޮށްފައިވާ ކަމަށެވެ. އެގޮތުން ސަރީރަކީ ސަފީރުކަން އަދާކުރުމުގެ ތަޢުލީމާއި ތަޖުރިބާ ހުރި ބޭފުޅެއްކަން ވަނަވަރުތަކަށް ރިއާޔަތްކޮށް ކޮމިޓީގެ އިއްތިފާގުން ނިންމާފައިވާ ކަމަށް ޒަރީރު ވިދާޅުވިއެވެ.
ސަރީރަކީ ޚާރިޖީ ގުޅުންތަކާ ގުޅުން ހުރި ގިނަ މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އޭޝިއާ ޑިރެކްޓަރުގެ މަޤާމާއި ފޮރިން ސެކެޓަރީގެ މަޤާމާއި ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންގެ ތިންވަނަ ސެކްރެޓަރީގެ މަޤާމުވެސް ފުރުއްވާފައެވެ.
މީގެ އިތުރުން ރާއްޖެއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަޤާމާއި ބަންގްލަދޭޝްގައި ހުންނަވާ ދިވެހި ސަފީރުގެ މަޤާމުގެ އިތުރުން އދ. ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބުގެ މަޤާމާއި އދ. ގައި ހުންނަ ރާއްޖޭގެ ޕާމަނަންޓް މިޝަންގެ ދެވަނަ ސެކްރެޓަރީގެ މަޤާމުވެސް އޭނާ ވަނީ ފުރުއްވާފައެވެ.









