ވަޒީރުންގެ މަޖިލީހަށް ސަރުކާރުން ގެނައި ބަދަލާއެކު، ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވި ތިން ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
މިގޮތުން ޚާރިޖީ ވަޒީރުކަމަށް އައްޔަން ކުރެއްވި ޑރ. ޢަބްދުﷲ ޚަލީލާއި، މާލީ ވަޒީރުކަމަށް އައްޔަން ކުރެއްވި މޫސާ ޒަމީރު އަދި ސިއްޙަތާ ބެހޭ ވަޒީރުކަމަށް އައްޔަންކުރެއްވި ޢަބްދުﷲ ނާޒިމް އިބްރާހީމަށް މަޖިލީހުން ވަނީ ރުހުން ދީފައެވެ.
މި ތިން ވަޒީރުންނަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި މައްސަލަ ދިރާސާކުރެއްވުމަށް ކޮމިޓީއަށް ފޮނުއްވާފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނުގެ ކެބިނެޓަށް މި ބަދަލުތައް ގެންނެވީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ.
މަޖިލީހުން މި ތިން ވަޒީރުންނަށް ރުހުން ދިނުމަށް ފާސްކޮށްފައިވަނީ 86 މެންބަރުންގެ އިއްތިފާގުންނެވެ.
ޤާނޫނުގައިވާ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް ބަދަލެއް ގެންނެވި ނަމަވެސް އަދި ވަޒީރުންގެ މަޖިލީހަށް ބޭފުޅަކު އައްޔަން ކުރެއްވި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ޖެހެއެވެ. މަޖިލީހުން ވަޒީރުންނަށް ރުހުން ދޭނީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނަންތައް ދިރާސާކުރެއްވުމަށްފަހު ކޮމިޓީން ނިންމާގޮތް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.









