ކުރިއަށް އޮތް 5 އަހަރުގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލުމަށްޓަކައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން 3 ދުވަހުގެ ސިމްޕޯޒިއަމެއް މިއަދު ފަށައިފިއެވެ. ކަސްޓަމުން ބުނީ މި ސިމްޕޯޒިއަމްގެ މަޤްޞަދަކީ މުދާ ކްލިއަރކުރުންފަދަ ކަސްޓަމްސްގެ މުހިންމު މަސައްކަތްތައް އަވަސްކުރުމަށް މަގުފަހިކުރުމެވެ.
ސިމްޕޯޒިއަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ މި ސިމްޕޯޒިއަމް މެދުވެރިކޮށް ކަސްޓަމްސްގެ މަސައްކަތްތައް އަވަސްކުރުމަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ.
"ކަސްޓަމްސްއަކީ ބޯޑަރުގައި އެއްޗެހި ލަސްވިޔަ ނުދީ ދޫކުރާ ބައެއް. ކަސްޓަމްސްއިން މުދާ ކްލިއަރ ކުރުމުގެ މަސައްކަތްކުރާއިރު، އެ މުއައްސަސާއާއެކީ މަސައްކަތްކުރާ އަނެއް މުއައްސަސާއިންވެސް އެބަޖެހޭ ކަސްޓަމްސްއާ އެއް ހަމަކުރަން. އޭރުން މަސައްކަތް އަވަސްވާނީ." ޝަރީފް ވިދާޅުވިއެވެ.
ސުޕްރިޓެންޑެންޓް އޮފް ކަސްޓަމްސް ސަރވިސް މިންނާ ރަޝީދު ވިދާޅުވީ މި ސިމްޕޯޒިއަމްގައި ކުރެވޭ މަޝްވަރާތައް ކަސްޓަމްސްގެ 2025 އިން 2029 އަށް އެކުލަވާލާ ސްޓްރެޓީޖިކް ޕްލޭންގައި ހިމެނޭނެ ކަމަށެވެ.
މި ސިމްޕޯޒިއަމްގައި އެމްއެންޑީއެފާއި ދިވެހި ފުލުހުންގެ ޚިދުމަތްފަދަ މުއައްސަސާތަކުގެ އިތުރުން ވިޔަފާރިވެރިންވެސް ބައިވެރިވެއެވެ. ސިމްޕޯޒިއަމް ކުރިއަށްދާނީ 3 ދުވަހުގެ މުއްދަތަށެވެ.









