މަސްވެރިންގެ ޤައުމީ ދަފްތަރުގައި މިހާތަނަށް 300 އަށްވުރެ ގިނަ އުޅަނދު ރަޖިސްޓްރީކޮށްފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.
ވުޒާރާއިން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މިހާތަނަށް 305 އުޅަނދެއް މި ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވެއެވެ. މަސްވެރިންގެ ޤައުމީ ދަފްތަރު އިފްތިތާހުކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ.
މަސްވެރިންގެ ޤައުމީ ދަފްތަރު އެކުލަވާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. މީގެ މައިގަނޑު މަޤްޞަދަކީ އެހެނިހެން މަސައްކަތްތަކެކޭ އެއްފަދައިން ދައުލަތުން ބަލައިގަންނަ އާމްދަނީ ލިބޭ މަސައްކަތެއްކުރާ ބައެއްގެ ގޮތުގައި މަސްވެރިން ކަނޑައެޅުމެވެ.
ވުޒާރާއިން އިތުރަށް ވިދާޅުވީ، މި ދަފްތަރުގެ އެންމެ ބޮޑު ބޭނުމަކީ މަސްވެރިންނަށް މާލީ ވަސީލަތްތަކުގެ ފައިދާ ލިބިގަތުމަށް ހުރި ހުރަސްތައް ނައްތާލާ މަސްވެރިކަމަކީވެސް ރާއްޖޭގައި ރަސްމީކޮށް ބަލައިގަންނަ ވަޒީފާއަކަށް ހެދުމެވެ. އަދި މި ދަފްތަރު އެކުލަވާލެއްވުމާއެކު މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ބިދޭސީންގެ ސަބަބުން ރާއްޖޭން ބޭރުވާ ފައިސާ ރާއްޖޭގެ އިޤްތިޞާދުގައި ހިފެހެއްޓޭނެކަމަށްވެސް ވުޒާރާއިން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މި ސަރުކާރުގެ ވަޢުދާ އެއްގޮތަށް މަސްވެރިންގެ ޤައުމީ ދަފުތަރުގެ އިތުރުން ފާނައިގެ މަސްވެރިކަން ފަދަ ފަރުމަސްވެރިކަމުގެ ބާވަތްތަކާއި ރެކްރިއޭޝަނަލް ފިޝިންގ އަދި ސްޕޯޓްސް ފިޝިންގ ފަދަ ހަރަކާތްތަކުގެ މަޢުލޫމާތުވެސް ފުރިހަމަ ގޮތެއްގައި ނެގޭނެ އިންތިޒާމު ހަމަޖައްސަވާނޭކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.









