ފަލަސްތީނަށް އެހީ ފޯރުކޮށްދިނުމަށް އެންމެ އިސްކޮށް ޙަރަކާތްތެރިވާ އދ ގެ ޖަމިއްޔާ، އަންރުވާ (ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވަރކްސް އޭޖެންސީ) އިޒްރޭލުގައި ޙަރަކާތްތެރިވުން މަނާ ކުރުމަށް އިޒްރޭލުން ޤާނޫނެއް ފާސްކޮށްފިއެވެ.
އިޒްރޭލުގެ ޤާނޫނު ހަދާ މަޖިލީހުން މި ޤާނޫނު ފާސްކުރުމާއެކު، އިޒްރޭލާއި އިޒްރޭލުން ހިފާފައިވާ އިރުމަތީ ޤުދުސްގައި އަންރުވާގެ ޙަރަކާތްތައް ކުރިއަށް ގެންދިއުން މަނާވެގެންދާނެއެވެ. އަދި މީގެ އިތުރުން، އަންރުވާގެ މުވައްޒަފުންނަށް އިޒްރޭލުގެ އޮފިޝަލުންނާ މުޢާމަލާތްތައް ކުރުން މަނާވެގެންދާނެއެވެ. ހަމައެހެންމެ، ޣައްޒާއާއި ހިފާފައިވާ ހުޅަނގު އައްސޭރީގައި އަންރުވާއިން ހިންގާ ޙަރަކާތްތަކަށްވެސް މުޅިން ހުރަސް އެޅިގެންދާނެކަމަށް ބީބީސީއިން ވަނީ ރިޕޯޓު ކޮށްފައެވެ.
އަންރުވާ އަކީ ފަލަސްތީނަށް އެހީ ވެއްދުމަށް ޙަރަކާތްތެރިވާ އދ ގެ މައި ޖަމިއްޔާއެވެ. ނަމަވެސް، މީގެ ކުރިންވެސް އިޒްރޭލުން ވަނީ އަންރުވާގެ އެކިއެކި އެހީގެ އޮޕަރޭޝަންތަކަށް ހުރަސް އަޅައި، އަންރުވާގެ މުވައްޒަފުންނާއި އޮފީހާއި ވަސީލަތްތަކަށް އަމާޒުކޮށް ޙަމަލާތައް ދީފައެވެ.
މިހާރު އިޒްރޭލުން މި ފާސްކުރި ޤާނޫނުގެ ސަބަބުން އަންރުވާގެ މުވައްޒަފުންނަށް އިޒްރޭލުގައި ޤާނޫނީ ހިމާޔަތެއްވެސް ނޯންނާނެ ކަމަށް ބޭރުގެ ނޫސްތަކުން ވަނީ ފާހަގަކޮށްފައެވެ. އަދި އިރުމަތީ ޤުދުސްގައި ހުންނަ އަންރުވާގެ މައި އޮފީސްވެސް ބަންދު ކުރެވިގެންދާނެކަމަށް ބެލެވެއެވެ.
މި ޤާނޫނު ފާސްކުރުމާއެކު، ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް އިތުރު ހުރަސްތަކެއް ކުރިމަތިވެގެންދާނެކަމަށް ބެލެވެއެވެ. މިކަމާއި ގުޅިގެން އދ އިންނާއި އެހެނިހެން ބައިނަލްއަޤްވާމީ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، މި ޤާނޫނުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންނަށް ލިބޭނެ އިންސާނީ އެހީތެރިކަމަށް ނޭދެވޭ އަސަރުތަކެއް ކުރާނެކަމަށް ބެލެވެއެވެ.









