އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސާއި ނައިބު ރައީސް އައްޔަންކުރުމުގެ ބާރު ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށް ޤާނޫނަށް އިޞްލާޙް ގެނައުމަށް މަޖިލީހަށް ބިލު ހުށަހަޅައި ބަހުސް ފަށައިފިއެވެ.
ސަރުކާރުގެ ފަރާތުން ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރު ހުށަހެޅި މި ބިލުގެ މަޤްޞަދަކީ މުސްތަޤިއްލު ކޮމިޝަންތަކުގެ ހިންގުން ހަރުދަނާކޮށް، ކޮމިޝަންތަކަށް އައްޔަންކުރާ މެންބަރުންގެ ތެރެއިން ރައީސާއި ނައިބު ރައީސްގެ މަޤާމަށް މެންބަރުން އައްޔަންކުރުމުގައި ޢަމަލުކުރަމުން އަންނަ އުޞޫލު އެއްހަމަ ކުރުން ކަމަށް ބަޔާންކޮށްފައިވެއެވެ.
މިހާރު އޮތް ގޮތުން، އޭސީސީގެ ރައީސާއި ނައިބު ރައީސް އައްޔަންކުރަނީ ކޮމިޝަންގެ މެންބަރުންގެ ތެރެއިންނެވެ. ނަމަވެސް މި އިޞްލާޙުގެ ދަށުން، ކޮމިޝަންގެ މެންބަރުންގެ ތެރެއިން ރައީސާއި ނައިބު ރައީސް އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ. މި މަޤާމުތަކަށް މީހުން އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަންތައް މަޖިލީހުން ފާސްކުރަންޖެހޭނެއެވެ.
މީގެ އިތުރުން، މި ބިލުގައި ހިމެނިފައިވާ އެހެން މުހިންމު ބަދަލުތަކުގެ ތެރޭގައި، ރައީސާއި ނައިބު ރައީސް އިސްތިއުފާ ދޭން ބޭނުންވެއްޖެނަމަ ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމާއި، ކޮމިޝަންގެ އަޣުލަބިއްޔަތުން ރައީސާއި ނައިބު ރައީސް މަޤާމުން ވަކިކުރުމުގެ ބާރު އުވާލުން ހިމެނެއެވެ.
މި ބިލު ފާސްވެއްޖެނަމަ، އޭސީސީގެ އެންމެ އިސް މަޤާމުތަކަށް މީހުން އައްޔަންކުރުމުގެ ބާރު ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ލިބި، ކޮމިޝަންގެ އޮނިގަނޑަށް ބޮޑު ބަދަލެއް އަންނާނެއެވެ. މި ބިލާ މެދު މަޖިލީހުގައި ބަހުސްކުރެވެމުންދާއިރު، ގިނަ ފަރާތްތަކުން މި ބަދަލުތަކާ މެދު ޚިޔާލު ފާޅުކުރަމުންދާކަން ފާހަގަކުރެވެއެވެ.









