ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤާނޫނުގެ ދަށުން ވޭޕް މަނާކުރަން ހުށަހެޅި ބިލްގެ ބަހުސް ނިންމާ، އެ ބިލް އިޖްތިމާއީ ކޮމިޓީއަށް ފޮނުވައިފިއެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން އެވެ.
އެ ބިލްގެ ބަހުސް މިއަދު މަޖިލީހުގައި ކުރިއަށް ގެންގޮސްފައިވާއިރު، އިޖްތިމާއީ ކޮމިޓީއަށް އެ ބިލް ފޮނުވުމަށް ފާސްކޮށްފައިވަނީ 76 މެންބަރުންގެ ވޯޓާއެކުއެވެ. މި ވޯޓުގައި، އެއްވެސް ގޮތަކަށް ވޯޓު ދެއްވަން ބޭނުން ނުވާ މެންބަރަކުވެސް ހިމެނިވަޑައިގަންނަވައެވެ.
އައިފާން ވިދާޅުވެފައިވަނީ އެ ބިލް ހުށަހެޅުމުގެ ބޭނުމަކީ އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އެފަދަ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމާއި ހިލޭ ބެހުމާއި ބޭނުންކުރުން މަނާ ކުރުން ކަމަށެވެ.
އެ އިސްލާހުގައިވާ ގޮތުން ދުންފަތުގެ އެއްވެސް ބާވަތެއް ނުވަތަ ދުންފަތުން އުފައްދާފައި ހުރި އެއްވެސް އެއްޗެއް 21 އަހަރުން ދަށުގެ މީހަކަށް ނުވަތަ ކުއްޖަކަށް ވިއްކައިގެން ނުވާނެއެވެ.
މީގެ އިތުރުން އީ-ސިނގިރޭޓާއި ވޭޅް ކުރުމަށް ބޭނުން ކުރާ ތަކެތި ރާއްޖެ އެތެރެކުރުން މަނާކުރާއިރު އެތަކެތި އެތެރެކޮށްފި ނަމަ 50,000 ރުފިޔާއިން ޖޫރިމަނާކޮށް، ކޮންމެ އީ-ސިނގިރޭޓަކުން ނުވަތަ ވޭޕްގެ އާލާތަކަށް 10,000 ރުފިޔާގެ މަގުން ޖޫރިމަނާކުރާނެ ކަމަށް އިސްލާހުގައި ވަނީ ބުނެފައެވެ. އަދި އެކަމާ ޚިލާފުވެއްޖެނަމަ 20,000 ރުފިޔާއިން ޖޫރިމަނާކޮށް، ކޮންމެ އާލާތަކަށް 10,000 ރުފިޔާގެ މަގުން ޖޫރިމަނާކުރާނެ ކަމަށް އިސްލާހުގައި ވަނީ ބުނެފައެވެ.
ހިލޭ ބަހައިފިނަމަވެސް 10,000 ރުފިޔާއިން އަދި ބޭނުންކުރާ މީހުން 5,000 ރުފިޔާއިން ޖޫރިމަނާކުރާނެކަމަށް ވެސް އިސްލާހުގައި ވަނީ ބުނެފައެވެ. އަދި ވިއްކާ ނުވަތަ ހިލޭ ބަހާފައިވަނީ ކުޑަކުއްޖަކަށް ނަމަ އިތުރަށް 50,000 ރުފިޔާއިން ޖޫރިމަނާކުރާނެ ކަމަށް އިސްލާހުގައި ވަނީ ބުނެފައެވެ.
މި ކަންތައްތަކަށް ޢަމަލުކުރަން ފަށާނީ އަންނަ ޑިސެންބަރު މަހުގެ 15 ގައެވެ. އަދި އެ ބިލުގައި ހިމެނޭ އެހެން އިސްލާހުތަކަށް ޢަމަލުކުރަން ފަށާނީ އަންނަ މަހުގެ 15ގައެވެ.









