ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާ ސަފީރަކަށް ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ އާއިޝަތު އަޒީމާ އައްޔަންކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާ ސަފީރަކަށް އަޒީމާ އައްޔަން ކުރުމަށް މަޖިލީހުގެ ރުހުން ހޯދަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވާފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ.
ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާ ސަފީރަކަށް އަޒީމާ އައްޔަން ކުރުމަށް މަޖިލީހުގެ ތަޅުމުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 79 މެމްބަރުންގެ އިއްތިފާގުންނެވެ.
އަޒީމާ ވަނީ ޚާރިޖިއްޔާގެ އެކި މަޤާމުތަކުގައި ގިނަ އަހަރުތަކެއް ޚިދުމަތް ކުރައްވާފައެވެ. އޭނާ ވަނީ ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަޤާމު 2019 ވަނަ އަހަރުން ފެށިގެން 2023 އަށް އަދާ ކުރައްވާފައެވެ. އަދި އޭނާ މިހާރު ހުންނެވީ އެޑިޝަނަލް ސެކްރެޓަރީގެ މަޤާމުގައި، އިންޑިއާ ޑިވިޝަންގެ ހެޑްގެ ގޮތުގައެވެ.
ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާ ސަފީރަކަށް އަޒީމާ އައްޔަން ކުރަން ފޮނުއްވީ އެ މަޤާމުގައި މިހާރު ހުންނެވި އިބްރާހިމް ޝަހީބުގެ ސަފީރުކަމުގެ ދައުރު ހަމަވުމުންނެވެ.









