"ފަލަސްތީނާއެކު ދިވެހިން" ޓެލެތޯނުން ލިބުނު ފައިސާ އދ. ގެ އިދާރާ އަންރުވާއަށް ފޮނުވާފައިވާކަން ކަށަވަރުކޮށްދޭ ހެކި ދިވެހި ސަރުކާރުން މިއަދު ހާމަކޮށްފިއެވެ.
ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، މި ފައިސާ ޚަރަދުކުރާނެ ކުރު އަދި ދިގު ރާސްތާގެ ޕްރޮގްރާމްތަކާއި ޕްރޮޖެކްޓުތަކާ ގުޅޭގޮތުން ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވާރކްސް އޭޖެންސީ ފޯރ ޕަލަސްތީނިއަން ރެފިއުޖީޒް (އަންރުވާ) އާއެކު ދިވެހި ސަރުކާރުން މަޝްވަރާކުރަމުންދާ ކަމަށެވެ.
އެގޮތުން،މި ބަޔާން ނެރުއްވާފައިވަނީ ޓެލެތޯނުން ލިބުނު ފައިސާއާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ހަޤީގަތާ ޚިލާފު ވާހަކަތަކެއް ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.
ވުޒާއިން ބުނީ، މަރުކަޒީ ބޭންކު އެމްއެމްއޭ އިން އަންރުވާއަށް ފައިސާ ޖަމާކުރިކަމުގެ "ޑެބިޓު އެޑްވައިޒު"ގެ ކޮޕީއާއި "އަންރުވާ ފޯރ ޕަލަސްތީން" އެކައުންޓަށް ރާއްޖެއިން ފޮނުވި ފައިސާ ލިބިފައިވާކަން ކަށަވަރުކޮށްދީ ޖޭ.ޕީ.މޯގަން ބޭންކުން އިޝޫ ކޮށްފައިވާ ޓްރާންސެކްޝަން ތަފްޞީލް ހިމަނާފައިވާ ކަމަށެވެ. މިގޮތުން، ޓެލެތޯނުން ލިބުނު ފައިސާ މިދިޔަ އޮގަސްޓް މަހުގެ 20 ވަނަ ދުވަހު އަންރުވާއަށް ފޮނުވާފައިވާކަމަށް ވުޒާއިން ހާމަކުރިއެވެ.
ޚާރިޖީ ވުޒާރާއިން އިތުރަށް ބުނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، ޖޫން މަހުގެ 12 ވަނަ ދުވަހު ޕަބްލިކް ސާރވިސް މީޑިއާއިން ބޭއްވި ޓެލެތޯނުން ޖުމްލަ 1,248,826.56 ޑޮލަރު (އެއް މިލިއަން ދެ ލައްކަ ސާޅީސް އަށް ހާސް އަށް ސަތޭކަ ސައްވީސް ޑޮލަރާއި ފަންސާސް ހަ ސެންޓް) ލިބުނު ކަމަށެވެ. މި އަދަދު ކްރޯވ މޯލްޑިވްސް އެލް.އެލް.ޕީން ކޮންފަރމްކޮށްފައިވާ ކަމަށްވެސް ވުޒާރާއިން ބުންޏެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް މިފަދަ ބޮޑު އަދަދެއްގެ ފައިސާ ދިވެހި ރައްޔިތުން ހަދިޔާކޮށްފައިވާކަމީ ފަލަސްތީނުގެ މިނިވަންކަމަށް ރާއްޖެއިން ކުރާ ތާޢީދާއި، އެ ޤައުމާއި އެ ޤައުމުގެ ރައްޔިތުންނާއެކު ސާބިތުކަމާއެކު ދިވެހިން ތިބިކަމުގެ ހެއްކެއް ކަމަށް ޚާރިޖީ ވުޒ ވުޒާރާއިން ފާހަގަކުރިއެވެ.
އަދި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަމަލުތަކާއި ބައިނަލްއަޤްވާމީ ޤާނޫނާއި އިންޓަރނޭޝަނަލް ހިއުމެނިޓޭރޭރިއަން ލޯ އާ ޚިލާފަށް ދެމުން ގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށިބަހުން ކުށްވެރިކުރާކަމަށްވެސް ޚާރިޖީ ވުޒާރާއިން ފާހަގަކުރިއެވެ.









