ޕްރޮގްރެސިވް ނެޝަނަލް ކޮންގްރެސް، ޕީއެންސީއަށް މެމްބަރުން ހޯދުމުގެ މަސައްކަތުގައި ސަރުކާރުގެ އިސްވެރިންގެ ބައިވެރިވުން ދިފާއު ކުރައްވައި، ޕާޓީ ކުރިއެރުވުމަކީ އެބޭފުޅުންގެ ޒިންމާއެއް ކަމަށް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީއެންސީއަށް މެމްބަރުން އިތުރުކުރުމުގައި ސަރުކާރުން ފައިސާދީ އަދި ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާތީ އެއަށް ރައްދު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ފައިސާ ދީގެން ޕީއެންސީއަށް މެމްބަރުން ހޯދަންޖެހޭ ޙާލަތެއް ޕީއެންސީގައި ނެތެވެ. އަދި ސޮއި ފޯޖުކޮށްގެން ވަގަށް އެޕާޓީއަށް މީހުން ވައްދަންޖެހޭ ހާލަތެއްވެސް ނެތް ކަމަށް ވިދާޅުވިއެވެ.
"ޕީއެންސީއަކަށް ނުޖެހޭނެ ވަގަށް ފޯމު ފުރާކަށެއް. ފައިސާ ދީގެން ފޯމު ފުރާކަށެއް. ސޮއި ފޯޖުކޮށްގެން ފޯމު ފުރާކަށެއް. އެއީ ތާޢީދު ނޯންނަ މީހުން ކުރާ ކަމެއް،" ޢަބްދުއްރަޙީމް ވިދާޅުވި އެވެ.
ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއަކީ މިހާރު ޕީއެންސީއެވެ. ޕީއެންސީގެ ދަފްތަރުގައި 65000 އަށްވުރެ މެމްބަރުން ގިނައެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ ސަރުކާރު ހިންގަނީ ޕީއެންސީން ކަމަށާއި، ސަރުކާރުގެ ވަޒީރުންނާއި މެނޭޖިން ޑިރެކްޓަރުން ޕާޓީ ކުރިއެރުވުމަށް މަސައްކަތް ކުރާނެ ކަމަށާއި އެއީ އެމީހުންގެ ޒިންމާއެވެ. ޕީއެންސީގެ ފަރާތުން މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ޕާޓީގެ މެންބަރުކަން ފުޅާކުރުމުގައި ހީވާގިކަމާއެކު ބައިވެރިވާންޖެހޭ ކަމަށް އަލިއަޅުވާލައްވަމުން ވިދާޅުވީ އެއީ ޑިމޮކްރަސީގައި މަނާ ކަމެއް ވެސް ނޫން ކަމަށެވެ.
""މި ސަރުކާރުގައި ވަޒީރުކަމުގައި ތިއްބަވާނީ ޕީއެންސީގެ މެމްބަރުން. އެމްޑީސްކަމުގައި ތިބޭނީ ޕީއެންސީގެ މެމްބަރުން. ޕީއެންސީ ބޮޑުކުރުމަކީ އެ ބޭފުޅުންގެ ޒިންމާއެއް. އެ ބޭފުޅުން އެ މަޤާމުތަކަށް ވަޑައިގަންނަވަނީ ޕާޓީގެ ފަރާތުން،.. އެހެންވީމާ އެ ބޭފުޅުންގެ ޕާޓީ ބޮޑުކުރަން މަސައްކަތްކުރުމަކީ ދުނިޔޭގެ އެއްވެސް ތަނެއްގައި މަލްޓި ޕާޓީ ޑިމޮކްރަސީ ހުރަސް އަޅާ ކަމެއް ނޫން." ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވި އެވެ.
ޕީއެންސީން ސަރުކާރުގެ މުވައްޒަފުންނަށް މަޖުބޫރުކޮށްގެން ޕާޓީއަށް ވައްދަމުންދާ ކަމަށް ބުނާ ވާހަކަތައް ދޮގުކުރައްވައި، ޕާޓީގެ މެމްބަރުންގެ އަދަދު ހަލުވިކަމާއެކު އިތުރުވުމަކީ ޢާންމުންގެ ތާޢީދަށް ނިސްބަތްވާ ކަމެއް ކަމަށް ވެސް ވިދާޅުވެ އެވެ.
ސަރުކާރުގެ އޮނިގަނޑުތަކުގެ ތެރޭގައި ޕާޓީ ފުޅާކުރުމުގެ ޝަރުއީކަން ދިފާއުކުރައްވައި، ރަސްމީ މަޤާމުތަކުގައި ތިބި ޕާޓީގެ މެމްބަރުންގެ ވާޖިބަކީ ޕީއެންސީގެ ކުރިއެރުމުގެ އިސްނެގުމުގައި ތާއީދު ކޮށް އެކަމުގައި މަސައްކަތްކުރުން ކަމަށް ހަނދާންކޮށްދެއްވިއިރު، ފާހަގަކޮށްލެވޭ ކަމަކީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއަށް މިހާރު ޕީއެންސީ ވެފައިވާ ކަމެވެ.









