ދުނިޔޭގެ މަޝްހޫރު އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އެއާލައިނެއް ކަމުގައިވާ އެއާ އަރަބިއާގެ ދަތުރުތައް ރާއްޖެއަށް ރަސްމީކޮށް ފަށައިފިއެވެ.
މި އެއާލައިނަށް މަރުޙަބާ ކިޔުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ފަރާތުން ޚާއްޞަ އިވެންޓެއް ބާއްވައި، ފުރަތަމަ ފްލައިޓުން ރާއްޖެ އައި ފަސިންޖަރުންނަށް ހޫނު މަރުޙަބާއެއް ވަނީ ކިޔާފައެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އާއި ޔޫއޭއީގެ ޝަރްޖާހް ސިޓީއާ ދެމެދު ޝެޑިއުލް ދަތުރުތައް ކޮންމެ ދުވަހަކު ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް ވިދާޅުވީ މިކަމުގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށެވެ.
"ލެޓްސް ގޯ މޯލްޑިވްސް" ގެ ސީއީއޯ މުޙައްމަދު ބައްސާމް އާދަމް ވިދާޅުވި ގޮތުގައި އެއާ އަރަބިއާއަކީ މެދުއިރުމަތީގެ އެންމެ ލޯ ކޯސްޓް ފަސްޓް އެއާލައިނެވެ. އަދި މި އެއާލައިނުގެ ސަބަބުން ރާއްޖެ ވަރަށް ގިނަ ޤައުމުތަކާ ގުޅިގެންދާނެ ކަމަށާއި، ދިވެހިންނަށް އަގު ހެޔޮކޮށް ޔޫރަޕްގެ ޤައުމުތަކަށް ދަތުރުކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ބައްސާމް ވިދާޅުވިއެވެ.
މި އެއާލައިނުގެ ދަތުރުތައް ފެށުމާއެކު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، އިރުމަތީ ޔޫރަޕާއި ރާއްޖެއާ ގުޅުން ބަދަހިވެގެންދާނެއެވެ.









