ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ 6 ބިދޭސީއަކު ރާއްޖެ އަނބުރާ ނާދެވޭގޮތަށް ޑީޕޯޓުކޮށްލައިފިއެވެ.
އިމިގްރޭޝަނުން މިކަން ހާމަކުރަމުން ބުނީ، މި މައްސަލައާ ގުޅިގެން އިތުރު 3 ބިދޭސީއަކު ޑީޕޯޓުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
މި މައްސަލައިގައި ޑީޕޯޓުކުރެވުނު މީހުންގެ ތެރޭގައި 5 އަންހެނުންނާއި 1 ފިރިހެނަކު ހިމެނެއެވެ. މިއީ ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދާ ބިދޭސީން ހޯދާ ފިޔަވަޅު އެޅުމަށް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތުން ފަށާފައިވާ ޚާއްސަ އޮޕަރޭޝަނެއްގެ ދަށުން އަޅާފައިވާ ފިޔަވަޅެކެވެ.
އިމިގްރޭޝަނުން މަޢުލޫމާތު ދިންގޮތުގައި، މި މަހުގެ ތެރޭގައި މިފަދަ 5 މައްސަލައަކާ ގުޅިގެން ޖުމްލަ 9 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މީގެ ތެރޭގައި ހިމެނެނީ 7 އަންހެނުންނާއި، އޭޖެންޓުންގެ ގޮތުގައި މަސައްކަތްކުރަމުންދިޔަ 2 ފިރިހެނުންނެވެ.
ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިއަ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މި އޮކްޓޫބަރު މަހުގައި ވަނީ ހާއްސަ އިންސްޕެކްޝަން ތަކެއް ހިންގާފައި. އެގޮތުން މިފަދަ 05 މައްސަލައަކާއި ގުޅިގެން ބިދޭސީ 07 އަންހެނަކު އަދި އެޖެންޓުންގެ ގޮތުގައި… pic.twitter.com/TsFCzVWCSY
މީގެ އިތުރުން، ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ހިންގި އޮޕަރޭޝަނެއްގައި ހޮނިހިރު ދުވަހު މާލޭގައި ހުރި 3 ކެފޭއެއް ބަލައި ފާސްކޮށް، ޤަވާޢިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 5 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
ސަރުކާރުން މި މައްސަލައަށް ޚާއްސަ ސަމާލުކަމެއް ދެމުން، މުޅި ރާއްޖެ ހިމެނޭހެން ޚާއްސަ މަސައްކަތްތަކެއް ކުރިއަށް ގެންދާކަން ފާހަގަކުރެވެއެވެ. މިގޮތުން އަތޮޅުތެރޭގެ ރަށްރަށުގައިވެސް މިފަދަ އޮޕަރޭޝަންތައް ހިންގަމުންދާއިރު، ކ. ގުރައިދރައިދޫއިން ޤަވާޢިދާ ޚިލާފަށް އުޅެމުންދިޔަ 39 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމުގައިވާ ބިދޭސީންގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމެވެ. މި މަސައްކަތުގެ ތެރެއިން، ޤަވާޢިދާ ޚިލާފަށް ރަށްރަށުގައި އުޅެމުންދާ ބިދޭސީން ހޯދާ، އެ ފަރާތްތަކުގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް އިމިގްރޭޝަނުން ބުންޏެވެ.









