ޔަހޫދީ ބާރުތަކުން ޣައްޒާގެ އުތުރުގައި އޮންނަ ކަމާލް އަދުވާނީ ހޮސްޕިޓަލަށް ވަދެ، ތަކެއްޗަށް ގެއްލުންދީ، މެޑިކަލް ސްޓާފުންނާއި ބަލިމީހުން ހައްޔަރުކޮށްފިއެވެ. ފަހުން 13 މީހަކު ދޫކޮށްލި ނަމަވެސް ޣައްޒާގެ ހެލްތު މިނިސްޓްރީން ވަނީ ހޮސްޕިޓަލުގެ ޑިރެކްޓަރު ހުސާމް އަބޫ ސަފިޔާ ހިމެނޭ ގޮތަށް 44 ސިއްހީ ހިދުމަތްތެރިން ހައްޔަރުކޮށްފައިވާކަން ކަށަވަރުކޮށްދީފައި ކަމަށް ޚަބަރުތައް ބުނެއެވެ.
އިސްރާއިލް ސިފައިޖް ވަނީ އެ ހޮސްޕިޓަލުގެ އިންޓެންސިއު ކެއާ ނުވަތަ އައިސީޔޫއަށް ވެސް ޙަމަލާދީފައެވެ. ހޮސްޕިޓަލުގެ އޮފިޝަލުން ރިޕޯޓްކޮށްފައިވާ ގޮތުގައި ފެސިލިޓީގެ ޖަނަރޭޓަރާއި އޮކްސިޖަން ސްޓޭޝަނަށް ގެއްލުން ލިބިފައިވާއިރު، އިންޓެންސިވް ކެއާގައި ތިބި ދެ ކުއްޖަކު ވަނީ ޝަހީދުވެފަ އެވެ.
600 އަށް ވުރެ ގިނަ މީހުން ތިބި މި ހޮސްޕިޓަލަކީ މީގެ ކުރިން ވެސް އިސްރާއިލުން އަމާޒު ހިފާފައިވާ ތަނެކެވެ.
ޖަބަލިއާ ރެފިއުޖީ ކޭމްޕް، ބެއިޓް ލަހިޔާ އަދި ބެއިޓް ހަނޫންގައި ކުރިއަށް ގެންދިޔަ ޤަތުކުޢާންމުތަކުގެ ސަބަބުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 45 އަށް ވުރެ ގިނަ އާންމުން ޝަހީދުވެފައިވާ ކަމަށްވެސް މަސްދަރުތަކުން ބުނެއެވެ.









