ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެދިވަޑައިގަތުމަށް ނައިބުރައީސް އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް، އިނގިރޭސި ރަސްގެފާނު ޗާލްސް ދިވެހިރާއްޖެއަށް ވަޑައިގަތުމަށް ދަޢުވަތު ދެއްވައިފިއެވެ.
އިނގިރޭސި ސަރުކާރުގެ އެންމެ މަތީ ވެރިޔަކު ރާއްޖެއަށް ވަޑައިގެންނެވީ އިބްރާހީމް ނާޞިރުގެ ދުވަސްވަރު، މީގެ 52 އަހަރު ކުރިން، 1972 ވަނަ އަހަރުއެވެ. އޭގެފަހުން މިހާތަނަށް އިނގިރޭސިވިލާތުގެ އެންމެ މަތީ ވެރިޔާ ރާއްޖެއަށް ވަޑައިނުގަންނަވައެވެ. މިއީ އިނގިރޭސިވިލާތުގެ ޝާހީ އާޢިލާގެ ބޭފުޅަކު ރާއްޖެއަށްކުރެއްވި މިފަދަ ހަމައެކަނި ދަތުރުފުޅެވެ.
ނައިބުރައީސް، އިނގިރޭސިވިލާތުގެ ރަސްގެފާނަށް ރާއްޖެ ވަޑައިގަތުމަށް މި ދަޢުވަތު ދެއްވީ، ކޮމަންވެލްތު ހެޑްސް އޮފް ގަވާމަންޓް މީޓިންގައި ކޮމަންވެލްތުގެ އެންމެ އިސްވެރިޔާ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް 3 ބޭއްވެވި ރަސްމީ ޙަފްލާގެ ތެރެއިންނެވެ.










