ސަމޯއާގެ ވެރިރަށް އަޕިއާގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ހެޑްސް އޮފް ގަވަރމަންޓް މީޓިންގް، ޗޮގަމް 2024ގެ ހަވާސާގައި ބޭއްވުނު ކޮމަންވެލްތު އިސްވެރިންގެ ރިޓްރީޓްގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ބައިވެރިވެވަޑައިގެންފިއެވެ.
ކޮމަންވެލްތު ހެޑްސް އޮފް ގަވަރމަންޓް ރިޓްރީޓަކީ، ކޮމަންވެލްތުގެ މެންބަރު ޤައުމުތަކަށް ބޭނުންވާ ބަދަލުތައް ގެނައުމަށްޓަކައި، މާނަހުރި ގޮތެއްގައި އިސްވެރިންނަށް ޝާމިލުވެވަޑައިގެންނެވޭނެ ފުރުޞަތު ފަހިކޮށްދޭ ހަރަކާތެކެވެ. މި ހަރަކާތުގައި ނައިބު ރައީސްގެ އިތުރުން، ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮންމެ ދެ އަހަރަކުން އެއްފަހަރު ބާއްވާ ޗޮގަމްގެ މި އަހަރުގެ ސަމިޓް ކުރިއަށްދަނީ ސަމޯއާގެ ވެރިރަށް އަޕިއާގައެވެ. މި ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅުގައި ނައިބު ރައީސްގެ އަރިހުގައި ސަރުކާރުގެ އިސް ބޭފުޅުންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބައިނަލްއަޤްވާމީ މައިދާނުގައި އިޙުތިރާމު ކުރާ، އަދި އިޙުތިރާމު ލިބޭ، ޤައުމަކަށް ދިވެހިރާއްޖެ ހެދުމަށް މުހިންމު ކަމެއް ދެއްވާކަން ފާހަގަކުރެވެއެވެ. މި ރިޓްރީޓްގައި ދިވެހިރާއްޖޭގެ ބައިވެރިވުމަކީ މި މަސައްކަތުގެ ބައެއް ކަމުގައި ބެލެވެއެވެ.









