މެދުއިރުމަތީގައި މިހާރު އިޒްރޭލުން ހިންގާ ޖަރީމާތައް ބޮޑުވެފައިވާ ދަނޑިވަޅެއްގައި ހަނގުރާމަތައް ހުއްޓާލުމާއި ބެހޭގޮތުން އަލުން މަޝްވަރާ ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް މިޞްރުން ހަމާސް އާއި ވާހަކަ ދައްކައިފިއެވެ.
މިސްރުގެ ދައުލަތުގެ އަލް ޤާހިރާ ނޫހުން ރިޕޯޓްކޮށްފައިވާ މި ބައްދަލުވުމުގައި ހަމާސްގެ ޑެޕިއުޓީ ލީޑަރު އަދި ޗީފް ނެގޯޝިއޭޓަރު ޚަލީލް އަލް ހައްޔާ އާއި މިސްރުގެ ޖާސޫސީ ވެރިޔާ ހަސަން މަހުމޫދު ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.
އާ މަޝްވަރާތައް ކުރިއަށް ގެންދަނީ އެ ސަރަހައްދުގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ހަނގުރާމަތައް ކުރިއަށްދާ ދަނޑިވަޅެއްގަ އެވެ. އޮކްޓޯބަރު 7، 2023 އިން ފެށިގެން ޣައްޒާގައި 42،800 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވާއިރު، އޭގެ ތެރޭގައި ގާތްގަނޑަކަށް 17،000 ކުޑަކުދިން ހިމެނޭއިރު، އިތުރު 10،000 މީހުން ވެއްޓިފައިވާ ޢިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވެ އެވެ.
ލުބުނާނުގައި ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޮމުގެ ހަމަލާ ފެށިފަހުން މަރުވި މީހުންގެ އަދަދު 2400 އަށް އަރާފައިވާ ކަމަށް ލުބުނާނުގެ ހެލްތު މިނިސްޓްރީން ބުނެއެވެ.
ޤާހިރާގައި މި މަޝްވަރާތައް ދިމާވަނީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޯނީ ބްލިންކެން މި ސަރަޙައްދުގައި ހަނގުރާމަ ހުއްޓާލުމަށް ބާރުއެޅުމަށް ޑިޕްލޮމެޓިކް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ. ނަމަވެސް ޓެންޝަންތައް އަދިވެސް ބޮޑުވެ، މިހާރު ހިނގަމުންދާ އަސްކަރީ އަމަލުތަކުގެ ސަބަބުން ދެމިއޮންނަ ސުލްހައިގެ އެއްބަސްވުމެއްގެ ފުރުސަތު އުނދަގޫވެ އެވެ.
އަނެއްކޮޅުން ޤަޠަރުން ވެސް ވަނީ މަޝްވަރާ އަށް ގޮވާލައި މެދުއިރުމަތީގެ މަޞްރަޙް ޞުލްޙަ ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ.









