ހެޔޮވެރިކަމެއް ކުރިއެރުވުމަށާއި ޑިމޮކްރެޓިކް އުސޫލުތައް ހަރުދަނާ ކުރުމަށް ރާއްޖެއިން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ ސަމޯއާގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ހެޑްސް އޮފް ގަވަރމަންޓް މީޓިންގ، ޗޮގަމްގެ އެގްޒެކެޓިވް ސެޝަންގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިބު ރައީސް ވިދާޅުވީ، ޑިމޮކްރަސީއާއި، އިންސާނީ ޙައްޤުތަކާއި، ޞުލްޙަ މަސަލަސްކަމާއި، ތަފާތު ފިކުރުތަކަށް އިޙްތިރާމްކުރުމަކީ، މުޖުތަމަޢުތައް ކުރިއަރައި ދިއުމުގެ މައިގަނޑު ތަނބުތައް ކަމަށެވެ. އަދި މި އަސާސްތަކުގެ ސަބަބުން، ޤާނޫނީ ވެރިކަން ދެމެހެއްޓުމާއި، ހެޔޮވެރިކަމުގެ މަގަށް މަގުފަހިވެގެންދާކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖޭގައި މިނިވަންކަމާއި އިންސާފުވެރިކަމާއެކު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ހަތަރު ބުރެއް ކާމިޔާބުކަމާއެކު ބޭއްވިފައިވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. މިއީ ހަރުދަނާ ޑިމޮކްރެޓިކް ނިޒާމެއް ބިނާކުރުމަށް ދިވެހިރާއްޖެއިން ކުރާ މަސައްކަތުގެ ހެއްކެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި އިންތިޚާބުތައް އޮބްޒާވްކުރެއްވުމުގައި ކޮމަންވެލްތުގެ ސެކްރެޓޭރިއެޓުން އަދާކުރައްވާފައިވާ މުހިންމު ދައުރަށް ނައިބު ރައީސް ޝުކުރު އަދާކުރެއްވިއެވެ. އަދި ކޮމަންވެލްތުގެ އިންތިޚާބީ އެހީތެރިކަން އިތުރަށް ހަރުދަނާކުރެއްވުމަށާއި، އިންތިޚާބާއި ބެހޭ އޮފިޝަލުންނާއި މުއައްސަސާތައް ތަމްރީނު ކުރެއްވުމަށް ލަފާދެއްވިއެވެ.
ނައިބު ރައީސް ދެއްވީ، ޑިމޮކްރެޓިކް މުއައްސަސާތައް ހަރުދަނާކުރެއްވުމަށް، ކޮމަންވެލްތާއިއެކު ދިވެހި ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަމެވެ.
ސަމޯއާގައި ކުރިޔަށްދާ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ރާއްޖޭގެ ވަފުދުގެ އިސް ލީޑަރެއްގެ ގޮތުގައި، މިފަހަރު ވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފެވެ.









