ތުރްކިޔޭގެ އަންކާރާގެ އުތުރުގައި އޮންނަ ކަހްރަމަންކަޒާންގައި ހުންނަ ޓޫޝާޝްގެ މައި މަރުކަޒަށް ދިން ހަމަލާއާ ގުޅިގެން ތުރުކީގެ އަސްކަރިއްޔާއިން ވަނީ ކުރުދީސްތާން ވޯކަރސް ޕާޓީ (ޕީކޭކޭ) އަށް އަމާޒުކޮށްގެން ވަރުގަދަ ސިލްސިލާ ވައިގެ ހަމަލާތަކެއް ދީފައެވެ.
ޕީކޭކޭއިން ވަނީ ޓޫޝާޝްގެ މައި މަރުކަޒަށް ވަދެ ތުރްކިއޭގެ ސަލާމަތީ ބާރުތަކަށް ހަމަލާދީފައެވެ. އެގޮތުން ބޮމެއް ގޮއްވާލުމާއި ބަޑިޖެހުމުގެ ހާދިސާގައި ތުރްކިއޭގެ ފަސް މީހަކު މަރުވެ 22 މީހަކު ޒަހަމްވުމާއި ގުޅިގެން ތުރްކިޔޭގެ ސަލާމަތީ ބާރުތަކުން ހަމަލާދިން ދެ މީހުން މަރާލިއެވެ. އެއީ އަންހެނަކާއި ފިރިހެނެއް ކަމަށް އަންކާރާއިން ބުނެއެވެ. އަދި ފިރިހެން މީހާއަކީ ޕީކޭކޭގެ ޓެރަރިސްޓެއްކަން ކަށަވަރުވެފައިވާ ކަމަށްވެސް އަންކާރާއިން ބުނެއެވެ.
މިކަމުގެ ބަދަލު ހިފުމުގެ ގޮތުން ތުރްކިޔޭގެ ސިފައިން ވަނީ ޕީކޭކޭގެ މަރުކަޒުތަކަށް ފޯކަސްކޮށްގެން އިރާގުގެ 29 ތަނަކަށް އަދި ސީރިއާގެ 18 ތަނަކަށް ހަމަލާދީފަ އެވެ. ތުރުކީގެ ޑިފެންސް މިނިސްޓްރީން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަމަލާތަކުގައި ޕީކޭކޭގެ 59 ހަނގުރާމަވެރިން މަރުވެފައިވާއިރު އޭގެ ތެރޭގައި ސީނިއާ ދެ ކޮމާންޑަރުން ހިމެނެ އެވެ.
މި އޮޕަރޭޝަނަކީ އެ ސަރަހައްދުގައި ޕީކޭކޭގެ ގާބިލްކަން ނައްތާލުމަށް ކުރި ފުޅާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށް ޑިފެންސް މިނިސްޓަރު ޔާސާރު ގުލޭޝް ވިދާޅުވި އެވެ.
ޕީކޭކޭއިން ދިން ހަމަލާއާ ގުޅިގެން މުޅި ތުރްކިޔޭގައި ޚާއްޞަކޮށް އަންކާރާ، އިސްތަންބޫލް، އަދި ބޮޑެތި އެއާޕޯޓްތަކުގައި ވަނީ ސަލާމަތީ ކަންކަން ވަރުގަދަކޮށްފަ އެވެ.









