ތިބާގެ އަނބިދަރީންނަށް ރިޒުޤު ތަނަވަސްކޮށްދިނުމަށް ޓަކައި މަސައްކަތްކުރުމަކީ اللهގެ މަގުގައި ޖިހާދުކުރުން ފަދަ ސަވާބު މަތިވެރި ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
ޚުތުބާގައި ބުނީ އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވައިފައިވާ ގޮތުން، ފިރިމީހާ އޭނާގެ އަނބިމީހާއަށް އަދި ބައްޕަ އޭނާގެ ދަރީންނަށް ޚަރަދުކުރުމަކީ، އޭނާގެ މައްޗަށް މާތް الله ވާޖިބުކުރައްވައިފައިވާ ކަމެއް ކަމަށެވެ. އެގޮތުން ތިބާގެ އަނބިމީހާ ފުދުންތެރިއަކަށް ނުވަތަ މުއްސަންޖަކަށް ވިޔަސް ތިބާ އޭނާއަށާއި ދަރީންނަށް ޚަރަދުކުރާންޖެހޭނެ ކަމަށާއި، އެ މީހުންނަށް ކެއިންބުއިމާއި އަންނައުނާއި ބޯހިޔާވަހިކަން ތަނަވަސްކޮށްދޭން ޖެހޭނެ ކަމަށް ޚުތުބާގައި ބުންޏެވެ. އަދި އެއީ ފިރިމީހާގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ އަންހެނުންގެ ތެރޭގައި ހިމެނޭ ޝަރަފުވެރި އެއް ބަޔަކީ އަނބިމީހާ ކަމަށާއި މާތް الله ވަނީ އޭނާއަށް ނަފަޤާތު ދިނުމަށާއި ބޯހިޔާވަހިކަން ތަނަވަސްކޮށްދިނުމަށް ފިރިމީހާގެ މައްޗަށް އަމުރުކުރައްވާފައި ކަމަށެވެ. ޚުތުބާގައި ބުނީ މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ މި ދުނިޔެ ދޫކުރެއްވި އާލާސްކަންފުޅުގައި އެންމެ ފަހުން ކުރެއްވި ވަޞިއްޔަތްޕުޅުގައި ޙަދީޘްކުރައްވާފައި ވަނީ އަންހެނުންނަށް ހެޔޮކޮށް ހިތުމަށާއި، ރިވެތި އަޚްލާޤުން މުޢާމަލާތުކުރުމަށް ކަމަށެވެ.
މީގެ އިތުރުން ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވަނީ އީމާންކަން އެންމެ ފުރިހަމަ މުއުމިނުންނަކީ އެންމެ ޚުލުޤު ރިވެތި މީހުން ކަމަށާއި، ތިޔަބައިމީހުންކުރެ އެންމެ ހެޔޮމީހަކީ އެމީހެއްގެ އަނބިމީހާއަށް އެންމެ ހެޔޮ މީހާ ކަމަށެވެ.
އަނބިދަރީންނަށް ހޭދަކުރުމަކީ ގިނަގުނަ ޘަވާބާއި ދަރުމަހުރި ކަމެއް ކަން ބަޔާންކުރައްވާ ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވަނީ اللهގެ ވަޖުހުފުޅު އަދައިގެން ތިބާ ހޭދަކުރާ ކޮންމެ ހޭދައަކީ ތިބާއަށް ދަރުމަ ލިބެނިވި ކަމެއް ކަމަށާއި އެއީ ތިބާގެ އަނބިމީހާއަށް ކާންދޭ އެއްޗެއް ކަމުގައި ވިޔަސް މެއެވެ. އަދި އިންސާނާ ހޭދަކުރާ އެންމެ ރަނގަޅު ދީނާރަކީ، އޭނާގެ އަނބިދަރީންނަށް ހޭދަކުރާ ދީނާރު ކަމަށް ޙަދީޘްކުރައްވާފައިވާއިރު، މި ބަސްފުޅުގެ މުރާދަކީ ތިމާގެ އަނބިދަރީންނަށް ހޭދަކުރުމަކީ އެއީ އެންމެ ހެޔޮ ހޭދަކުރުން ކަމަށް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ މާތް الله އެންގެވި ގޮތުގެ މަތީން އެކަނލާނގެ މަގުގައި ހޭދަކުރުމަކުން ތިބާއަށް އެއްވެސް ގެއްލުމެއް ނެތް ކަމަށާއި އެކަމަށް ބަދަލުދެއްވައި ތިބާގެ ތަނަވަސްކަން އިތުރުކޮށްދެއްވާނެ ކަމަށެވެ.
އަނބިދަރީންނަށް ޚަރަދުކުރުމަކީ ފިރިމީހާގެ މައްޗަށް ވާޖިބުވާ ކަމަކަށްވާ އިރު އެ ވާޖިބު އަދާކުރުން މަތީ ދެމިތިބުމަކީ ނުހަނު މަތިވެރި ސަވާބާއި ދަރުމަހުރި ކަމެއް ނަމަވެސް ހިތާމައަކީ މިހާރަކަށް އައިސް ބައެއް ފިރީން އަނބިދަރީންނަށް ޚަރަދުނުކޮށް އެ ކަމަށް އިހުމާލުވަމުންދާ ކަން ކަމަށް ޚުތުބާގައި ބުންޏެވެ. އަދި ދެމަފިރީން ވަރިވުމަށް ފަހު ދަރީންނަށް ޚަރަދުނުދީ ފިލައިގެން އުޅޭ މީހުންވެސް މަދު ނޫން ކަމަށާއި، ކޯޓު މެދުވެރިކޮށް ވެސް ދަރީންނަށް ދޭން ޖެހޭ ޚަރަދު ނުދީ އުޅޭ މީހުން ވެސް މަދު ނޫން ކަމަށް ޚުތުބާގައި ބުންޏެވެ. ޚުތުބާގައި ބުނީ މިއީ އިންތިހާއަށް ހިތާމަކުރާން ޖެހޭ ކަމެއް ކަމަށާއި، މި ކަންކަމާ ބެހޭ ގޮތުން ޤިޔާމަތްދުވަހުން ސުވާލުކުރެވޭނެ ކަމަށެވެ. އެހެންކަމުން މިގޮތަށް އުޅޭ މީހުން ވަގުތު ފާއިތުވުމުގެކުރީން ތައުބާވެ، اللهގެ ރުހިވޮޑިގަތުން ހޯދުމަށް މަސައްކަތްކުރުމަށް ޚުތުބާގައި ވަނީ ވަޞިއްޔަތްކޮށްފައެވެ.









