ޤްވާޢިދާއި ޚިލާފަށް އުޅޭ ބިދޭސީންނާއި ގުޅޭ ރިޕޯޓުތަކަށް ބިނާކޮށް، ކ. ގުރައިދޫގައި ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ. މި އޮޕަރޭޝަން ކުރިއަށް ގެންދަނީ އިމިގްރޭޝަނާއި ފުލުހުންނާއި އަދި ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކާ ގުޅިގެން ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ޤްވާޢިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އިތުރުވުމާއި ގުޅިގެން، މިފަދަ މައްސަލަތައް ރިޕޯޓުކުރުމަށް ޚާއްސަކޮށް އިމިގްރޭޝަނުން "އިމިގްރޭޝަން ވޮޗް" ނަމުގައި ޚިދުމަތެއް ފަށާފައިވެއެވެ. މި ޚިދުމަތް ފެށީ މިދިޔަ ޖުލައި މަހުގެ 17 ވަނަ ދުވަހުއެވެ. އިމިގްރޭޝަން ވޮޗް އިފްތިތާޙުކުރި ފަހުން މިހާތަނަށް ޖުމްލަ 861 މައްސަލަ ރިޕޯޓުކޮށްފައިވާކަމަށް އިމިގްރޭޝަނުން ބުނެއެވެ.
ރާއްޖޭގައި ބޮޑުވެފައިވާ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ކުރާ މަސައްކަތުގެ ދަށުން، ޤްވާޢިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 5,000 މީހުން އަނބުރާ ފޮނުވާލުމަށް މި އަހަރު އަމާޒު ހިފާފައިވެއެވެ. އިމިގްރޭޝަނުން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، މިހާތަނަށް ޤްވާޢިދާއި ޚިލާފަށް އުޅޭ 4,361 ބިދޭސީން އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލާފައިވެއެވެ.
މި ޢަދަދުގެ ތެރޭގައި ހިމެނެނީ ޤްވާޢިދާއި ޚިލާފަށް އުޅުމުގެ ސަބަބުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދެވުނު ފަރާތްތަކާއި، އަމިއްލައަށް ފުރަން ބޭނުންވެގެން އެކަމަށް އެދުނު ފަރާތްތަކުގެ އިތުރުން، އިމިގްރޭޝަނުން ނޯޓިސް ދިނުމަށްފަހު ފުރުވާލެވުނު ފަރާތްތަކެވެ.
ކ. ގުރައިދޫގައި ކުރިޔަށްދާ އޮޕަރޭޝަނަކީ ރަށްރަށުގައި ޤްވާޢިދާއި ޚިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ ރިޕޯޓުތައް ބެލުމަށް ފަށާފައިވާ މަސައްކަތުގެ ބައެއްކަމަށް އިމިގްރޭޝަނުން ބުންޏެވެ.









